"އިނދެގެން ގޮނޑީގާ، ގަލަމުން ލިޔާއިރު، ގަދަފަދަ މަސައްކަތް ދެއަތުން ކުރާއިރު، ކުޅިވަރު ކުޅޭ އިރު މިއުޒިކު ކުޅޭ އިރު، ގުޅިގެން ބަޔަކު ދިރިއުޅޭތަން ބަލާލަން، އާދޭ އާދޭ، އެންމެން އާދޭ، ޖެހިލުން ނުވެވި އެކަނިވެސް އާދޭ......" މިއީ މިދުވަސްވަރު ރާއްޖޭގެ މުޅި ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދައުރުވަމުން އަންނަ ލަވައެއްގެ ކަޑި އެކެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގޮތުން މީގެ އެތައް އަހަރެއް އަހަރެއް ކުރިން ކިޔާފައިވާ "އާދޭ އާދޭ"ގެ ނަމުން މަޝްހޫރުވެފައިވާ ލަވަ އަނެއްކާ ވެސް މިވަނީ މިދުވަސްވަރު އިތުރަށް ވައިގައި ހިފާފަ އެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. މިހާރު މިލަވައަށް ވީޑިއޯތަކެއް ހަދާފައި ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު އެ ވީޑިއޯތަކުން ފެނިގެންދަނީ ސަރުކާރުގެ އެންމެ މަތީ ވެރިން އިން ފެށިގެން ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން ކުންފުނިތަކުގެ ވެރިންނެވެ.
ވީޑިއޯގެ އިތުރުން ސޯޝަލް މީޑިއާގައި އެކި ކަހަލަ މީމްތައް، މި ލަވައާ ގުޅިގެން ގިނަ ބަޔަކު މިދުވަސްވަރު ވަނީ ހަދަން ފަށައިފަ އެވެ. ދެ މީހަކު ކޮފީއަކަށް އެރިއަސް މިލަވައިގެ އަޑު އިވިގެން ދެ އެވެ.
މި ލަވައިގެ މި ކަޑިޔަކީ އަޑު އަހާލަން އެހާމެ ރީތި، އޭގެ ފުން މާނައެއް އެކުލެވިގެންވާ ކަޑިއެކެވެ. އަދި މިއީ ރާއްޖޭގެ ހިތްގައިމުކަމާއި ދިވެހިންގެ އާދަކާދަތަކާއި ރާއްޖޭގެ ރައްކާތެރިކަމުގެ ވާހަކަތައް ހިމެނޭ ގޮތަށް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ލަވައެކެވެ.
މަޝްހޫރު ލަވަކިއުންތެރިޔާ ހުސައިން އަލީ ކިޔައިދީފައިވާ "އާދޭ އާދޭ" މިލަވާގެ މިކަޑީގައި ބުނެފައިވަނީ ގޮނޑީގައި އިނދެގެން ގަލަމުން ލިޔާ މީހާއި ގަދަ ފަދަ މަސައްކަތް ކުރާ މީހާ ވެސް އެކުގައި ގުޅިގެން މަސައްކަތް ކުރާ މަންޒަރު ވެސް ރާއްޖެ އަންނަ މެހުމާނުންނަށް ފެންނާނެ ވާހަކަ އެވެ. އަދި ގުޅުވައިދެނީ މަސައްކަތުގެ މާހައުލުންނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިންކަމުގެ ވާހަކަ އެވެ. މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގައި ވެސް އެއްބައިވަންތަކަމާއި އެ އޮންނަ ވަރުގަދަ ގުޅުމުގެ ވާހަކަ އެވެ.
އަޑުއަހާލަން ހިތްގައިމު މި ލަވައިގެ މި ކަޑިއަށް މިހާ ބޮޑު މަގުބޫލުކަމެއް އަދި ސަމާލުކަމެއް، ކުއްލި ގޮތަކަށް ލިބިގެން މި ދިޔައީ މި ކަޑީގެ މާނައި، ދައްކުވައިދޭ މަންޒަރާއި ބުނެދޭ ވާހަކައިގެ ގުޅުން ވަރުގަދަކަމާއި، ފޯރުކޮށްދޭ ހަބަރުގެ މުހިންމު ކަމުންނެވެ. ހަމަ އެކަނި އަޑު އަހާލުމަށްވުރެ، މާނައަށް ވިސްނާލުމުން، ކުރެވޭ އިހުސާސް ދެގުނަ ވެގެންދެ އެވެ.