މިއަހަރުގެ ފަހުކޮޅުގައި ޑިޖިޓަލް އައިޑީ ކާޑް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މެދު ރާއްޖެތެރޭގެ ރަށްތަކުގެ ކައުންސިލުތަކަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ "ވިއަވެތި ރާއްޖެ" ކޮންފަރެންސްގައި، މާލެއަށް އައިޑީކާޑު ހައްދަން އަންނަން ޖެހުމުގެ ކަންބޮޑުވުން ކައުންސިލެއްގެ ރައީސަކު ފާޅުކުރެއްވުމުން އެކަމަށް ޖަވާބުދެއްވަމުން ޝައުނާ ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ޑޭޓާތައް އެންޓާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބޮޑަށް ގޮސް، ބާކީ މިހާރު އޮތީ ސަރުކާރުގެ އިދާރާތަކުގެ ޑޭޓާ އެއަށް އެންޓާ ކުރުން. އެ މަސައްކަތް ކުރުމަށް ރާވާފައި އޮތީ ކޮންމެ މިނިސްޓްރީއަކާ އެކު ޑޭޓާ ޝެއަރިން ޑޮކިއުމެންޓެއްގެ ދަށުން،" ޝައުނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޑިޖިޓަލް ކާޑު ތައާރަފްކުރި ނަމަވެސް އައިޑީ ކާޑު ޕްރިންޓްކުރަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓްގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމްކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުކުރުމާއި ބަޔޯމެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުމެވެ.