ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގައި ބަންދުކުރި ދެ ސަޕޯޓަރަކު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ދެ މީހެއް ކަމަށެވެ. އެއީ 19 އަހަރުގެ އަންހެނަކާއި 49 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރޭގައި އިދިކޮޅުން ބޭއްވި މުޒާހަރާގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ މީހަކު ބަންދުން ދޫކޮށްލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ވެ އެވެ.

އޭގެ އިތުރުން އިދިކޮޅުން ވަނީ ރޭ އެޕާޓީން ބޭއްވި މުޒާހަރާގައި ސަޕޯޓަރުންނާއި މެދުގައި ފުލުހުންގެ އަމަލު ހަރުކަށިކޮށް ބޭއްވިކަން ފާހަގަކޮށް އެކަން ކުށްވެރިކޮށްފަ އެވެ. އެގޮތުން އެ ޕާޓީގެ ބައެއް ސަޕޯޓަރުން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލަމުންދާއިރު، އިދިކޮޅުގެ ސަޕޯޓަރުން ދަނީ މާލެ ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

ނަމަވެސް އެކަމަށް ރައްދުދެމުން އިދިކޮޅުން ބުނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.