ގޭބިސީތަކުން އުކާލާ ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށް އެންގުމާއެކު އާންމުންގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މަންޒަރެއް ކަމަށް ވެމްކޯއިން ބުނެފި އެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލަން ނެރޭއިރު ތިން ބަޔަކަށް ކުނިތައް ވަކިކުރުމަށްފަހު ނެރުމަށް ވެމްކޯއިން ވަނީ އަންގާފަ އެވެ. ވެމްކޯގެ މިއެންގުމާއެކު ރޭގައި އާންމުން ކުނި ނެރެފައިވަނީ ވެމްކޯއިން އެންގިއެންގުމާ އެއްގޮތަށެވެ. އަދި މިކަމަށް ގިނަ ބަޔަކު އެއްބާރުލުން ވެސް ވަނީ ދީފަ އެވެ.

މިކަމާ ގުޅިގެން ރޭ ވެމްކޯއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު "ޕޮޒިޓިވް ރެސްޕޮންސް" އިން ސަޕްރައިޒްވި ކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް ފެންނަނީ އެންގުންތަކަށް ކިޔަމަންތެރިވާ މަންޒަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ވަކިކޮށްގެން ކުނި ނެރުނު ކަސްޓަމަރުންނަށް ޓީމް ވެމްކޯގެ ފަރާތުން ތަރުހީބުދެން،" ވެމްކޯ އިން ބުންޏެވެ.

އަދި ވެމްކޯ އިން ވަނީ ބައެއް ގޭބިސީތަކުން ނެރެފައިވާ ކޮތަޅުތަކުގެ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. ހިއްސާކޮށްފައިވާ ފޮޓޯއިން ފެނިގެންދަނީ މާކަރަކުން ކޮތަޅުގެ ބޭރުގައި "ކުނިވެފައި" ނުވަތަ "ކުނިނުވާ" އަދި "ޕްލާސްޓިކް" ޖަހާފައިވާ މަންޒަރެވެ. އަދި ގޭބިސީތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ވެސް އެ ހުރިހާ ބާވަތްތަކެއް ވަކިކޮށްފައި ހުރި މަންޒަރު ފެނިގެންދެ އެވެ.

ވެމްކޯއިން ކުނި ނަގަން ދާ މީހުން، ކޮތަޅުގެ ބަރުމިނާއި ދުވާ ވަހަށް ބަލައިގެން އެއީ ކޮން ކުންޏެއްކަން ދެނެގަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތަށް ކުނި އުފުލުމަށް ކޮންމެ ސަރަހައްދަކަށް ވެސް ވެމްކޯގެ ވެހިކަލް ދާނެ އެވެ.

ވެމްކޯއިން ބުނީ ކުނި އުކާލުމުގައި ތިން ބަޔަށް ކުނި ވަކިކުރި ނަމަވެސް، އެކަން ކުރަން ވެމްކޯ ފުރިހަމައަށް ތައްޔާރު ކަމަށެވެ. ވަކިކޮށްގެން ކުނި ތިލަފުއްޓަށް އުފުލަން ވަކި ބާޖުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ވަނީ ކުނިތައް ވަކިކޮށް ގޭގެއިން ނެރެންޖެހުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޓުވިޓާގައި ޖަވާބުދީފަ އެވެ. ވެމްކޯއިން ދީފައިވާ ޖަވާބުތަކުގައިވާ ގޮތުން ކޮންމެހެން ވަކި ކުލައެއްގެ ކޮތަޅެއްގައި ކުނި ބަހައްޓާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ކުނި ނަގާ ވަގުތުތަކުގައި އެ ގެއަކުން ކުނި ނަގަން ދާނެ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.