އާ ހޮސްޕިޓަލް އެޅެންދެން ވެސް ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ތުލުސްދޫ ކައުންސިލުން އެދެފި އެވެ.
ތުލުސްދޫ ކައުންސިލުން މިގޮތަށް ރައީސް ސޯލިހުގެ އަރިހުގައި އެދިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ވަނީ ތުލުސްދޫގެ ތަރައްގީއަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މިހާރު ބަޖެޓުގައި ހިމަނާފައިވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ލަސްވުމުން ދިމާވެފައިވާ މައްސަލަތަކާއި ކުނި ގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއާއި، އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއާއި، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިމެނެ އެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއާއި، އައު އިންޖީނުގެ އެޅުމުގެ މަޝްރޫއާއި ތުލުސްދޫ ސްކޫލްގެ ސައިންސް ލެބެއް އެޅުމުގެ މަޝްރޫއާއި، ޕޮލިޓެކްނިކް އިމާރާތުގެ މަޝްރޫއު ފަދަ މަޝްރޫއުތައް އަވަހަށް ފަށްޓަވައިދެއްވުމަށް ރައީސްގެ އަރިހުގައި ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އައު ހޮސްޕިޓަލް އެޅެންދެން ވެސް ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި، ރަށުގައި އޭޓީއެމްގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތަކާއި، ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ތުލުސްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ އާމްދަނީ ލިބެން ހުރި ވަސީލަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެރަށުގެ ތަރައްގީއަށް ކުރިޔަށްދާ މުހިންމު މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.