އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާމިގިއްޔަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަތުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފާޑުކިޔުން ޝަމާލަށް އަމާޒުވެއްޖެ އެވެ.

ރައީސް ސޯލިހްގެ މާމިގިލީ ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުން ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ގާސިމްގެ ވިލާ އެއާ އިން ހިންގާ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ ލައުންޖްގައި ރައީސް ސޯލިހާއި ގާސިމް އިބްރާހިމް އަދި ދެ ޕާޓީގެ އިސް ބޭފުޅުން ތިއްބަވާ މަންޒަރު ފެންނަ ފޮޓޯގައި ޗީފް އޮފް ޑިފެންސް ޝަމާލު ވެސް އިންނަވަނިކޮށް ފެނެ އެވެ.

މިކަމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ އެމްއެންޑީއެފްއާއި މުޅި ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތަކީ ޝަމާލު ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާނަމަ އިސްތިއުފާދެއްވުން ކަމަށެވެ. އަދި ސިޔާސީ ބޭފުޅަކު ޗީފް އޮފް ޑިފެންސަށް ކަމަކުނުދާނެ ކަމުގައި ވެސް އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ސިޔާސީވެއްޖެ ނަމަ އަމުރުމައުރޫފު ހިންގުމުގައި ވަކި ކޮޅަކަށް ބުރަވެ، އަމިއްލަ ޕާޓީގެ މަސްލަހަތު ވެސް އިސްކުރައްވާނެ ކަމަށެވެ.

އާދަމްގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ސޯލިހު ގާސިމްއާއެކު ކުރިއަށް ގެންދެވި ސިޔާސީ ބައްދަލުވުމެއްގައި ޝަމާލް ބައިވެރިވެވަޑައިގަތުމަކީ އެމްއެންޑީއެފްއަށް ވެސް ހުތުރު އަމަލެއް ކަމަށެވެ.

ނުރަސްމީ އަދި ކުއްލި ދަތުރުފުޅެއްގައި ރައީސް ސޯލިހް އިއްޔެ ވަނީ އދ. މާމިގިއްޔަށް ވަޑައިގެންފަ އެވެ. މި ދަތުރުގެ މައުލޫމާތު ކުރީން އާންމު ނުކުރި ނަމަވެސް މާމިގިއްޔަށް ރައީސް ވަޑައިގަތުމުން، ގާސިމްގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި ތަރައްގީކޮށް އެމަނިކުފާނުގެ ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

މަރުހަބާ ދެންނެވުމަށް ވަޑައިގެން އިސްކޮށް ހުންނެވީވެސް ގާސިމެވެ. މާމިގިލީގެ ވަރަށް ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައިވެ އެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބެވި އެވެ. އޭގެ ތެރޭގައި ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ޖޭޕީގެ ރަޖިސްޓްރާ އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ހިމެނިވަޑައިގަންނަވަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރައީސް ސޯލިހާ ގާސިމް އިބްރާހިމް ރޭ ސަން އައިލެންޑްގައި ކުރިއަށް ގެންދެވި ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފަ އެވެ. ނަމަވެސް ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.