ތެލާއި ކާބޯތަކެތީގެ އަގު އުފެލޭކަން ރައްޔިތުންނަށް އިހްސާސްވެސް ނުވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވާހަކަ ދައްކަވައިފި އެވެ.
ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކަމެއް ވެސް ދިވެހިރާއްޖެއަށްވެސް ކުރިމަތިވަމުން އަންނާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބައެއް ބޮޑެތި އިގްތިސާދުތައް އޮތީ ވަރަށް ދަތި ހާލުގައި ކަން ފާހަގަކުރައްވައި ރާއްޖޭގެ ހާލަތު ރަނގަޅުކަމަށް ސަލީމު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް މިސާލު ނަގާ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ތަންތަނުގައި ކޮންފަދަ ހާލެއްގައިތޯ ކަންކަން މިދަނީ؟ އަޅުގަނޑުމެންގެ އިންފްލޭޝަންވެސް އޮންނާނެ. މުޅި ދުނިޔެއަށް ކުރިމަތިވާ ކަންކަގައި އަޅުގަނޑުވެސް ތަހައްމަލުކުރަންޖެހޭ ކަންކަން ހުންނާނެ. އެހެންނަމަވެސް ތެލުގެ އަގުބޮޑުވާކަން ދިވެހިރައްޔިތުންނަށް އިހުސާސްކުރެވޭތޯ؟ ކާބޯތަކެތީގެ އަގުބޮޑުވާކަން އެބަ ދިވެހި ރައްޔިތުންނަށް އިހުސާސްކުރެވޭތޯ؟،" ސަލީމް ސުވާލު ކުރެއްވި އެވެ.
ސަލީމު އިތުރަށް ވިދާޅުވެފައިވަނީ ދަރަނި ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހެދުމަކީ ސަރުކާރަށް ނުސީދާކޮށް ދުއްތުރާކުރުން ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުގައި އެންމެ ބޮޑު މެދުވެރިއަކަށްވީ އެއިރުގެ ރައްޔިތުންގެ މަޖިލީހުން މާލީ ކަންކަމަށް ހުއްދަ ހޯދަންޖެހޭ ގޮތަށް ގެނައި އިސްލާހުކަމަށާއި، އެގޮތަށް ދެން ކަންކަން ވިޔަނުދޭނެ ކަމަށެވެ.
"މި ސަރުކާރު ހިނގަން ޖެހޭނެ. ހިންގަން ފަސޭހަ ވެސް ކޮށްދޭން ޖެހޭނެ. މިގޮތަށް ނުސީދާކޮށް ކުރާ ދުއްތުރާތަކަށް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭވެރިވެ ބަލައިގެން،" ސަލީމު ވިދާޅުވި އެވެ.
ތަކެތީގެ އަގު ބޮޑުވާކަން ރައްޔިތުންނަށް އިހްސާސް ނުވާފަދަ މޭރުމަކުން ސަލީމް ވާހަކަ ދައްކަވާފައިވާއިރު ބާޒާރުގައި ބައެއް ތަކެތީގެ އަގު އިންތިހާއަށްވަނީ އުފުލިފަ އެވެ. އަދި އެކަމާ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން އެބަދެ އެވެ.
ތަކެތީގެ އަގުބޮޑުވެ ނިކަމެތި ރައްޔިތުން ހަނާވެދަނީ