ރާއްޖޭގެ ޓޫރިޒަމް އަލަށް އާލާވުމުގެ މުހިންމު އެއް ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެޅުވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސައުތު ކޮރެއާގެ އުލްސަން ސިޓީގައި ކުރިއަށްދިޔަ "ދި ވޯލްޑް ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސް"ގައި ވާހަކަ ދައްކަވަމުންނެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ މި ކޮންފަރެންސްގަ މިނިސްޓަރު ޑރ. މައުސޫމް ވާހަކަ ދެއްކެވީ ފަތުރުވެރިކަމަށް ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު ކަމަށާއި، ކޮވިޑް ޕެންޑެމިކުން އަރައިގަނެ ފަތުރުވެރިކަން އާރާސްތުކުރުމަށް ރާއްޖޭގައި ކުރެވުނު މުހިންމު ކަންތައްތަކަށާއި ކޮމިއުޓީ ބޭސްޑް އިކޯ ޓޫރިޒަމްގެ މައްޗަށެވެ.
މިނިސްޓަރު ކޮންފަރެންސްގެ ބައިވެރިންނާއި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން އިއާދަވުމަށް މެދުވެރިވި އެންމެ މުހިންމު އެއް ސަބަބަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވާ ދައިރާގެ ހިއްސާދާރުންނާއި، މަސްލަހަތު އޮތް ފަރާތްތަކާއި، ސިއްހީ ދާއިރާގެ މާހިރުންނާއި މަޝްވަރާކޮށް އެޅުއްވި ހާލަތާއި ގުޅޭ ފިޔަވަޅުތައް ކަމަށެވެ.
މިނިސްޓަރުންނާއި ނައިބުންނާއި އަދި އިންޑަސްޓްރީގެ އިސް ފަރާތްތައް މި ކޮންފަރެންސްގައި ބައިވެރިވެ ވާހަކަ ދެއްކެވީ އުލްސަންގެ މެޔަރ ސޮންގ ޗުލް ހޯ، ޗެއާމަން އޮފް ދި އިންޓަނޭޝަނަލް ޓޫރިޒަމް ފޯރަމް ޔޫ ޖިން ޔޮން އާއި ޔުނައިޓެޑް ނޭޝަން ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބިލިއުޓީއޯ)ގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރޫ ހެރީ ވަންގްއާއި އެކު އެވެ.
މިކޮންފަރެންސްގައި ގައުމުގެ ވެރިން ވަނީ އިކޯ ޓޫރިޒަމަށް އިޙްތިރާމް ކުރުމުގެ ގޮތުން އެމްއޯޔޫ ސޮއިކުރައްވާފަ އެވެ.
37 ވަނަ ސިއޯލް އިންޓަރނޭޝަނަލް ޓްރެވަލް ފެއަރއާއެކު ބޭއްވި މިފެއަރ ހޯސްޓް ކޮށްފައިވަނީ ޔޫއެންޑަބްލިއުޓީއޯ، ދި އިންޓަނޭޝަނަލް ޓޫރިޒަމް ފޯރަމް (ޓީއައިޓީއެފް) އާއި އުލްސަން މެޓްރޮޕޮލިޓަން ސިޓީ އެވެ. އަދި މިފެއާ އޯގަނައިޒް ކޮށްފައިވަނީ ކޮރިއާ ޓޫރިޒަމް އޯގަނައިޒޭޝަން އާއެކު ކޮރިޔާ ވޯލްޑް ޓްރެވަލް ފެއާ އެވެ.