މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ 2018 ވަނަ އަހަރު މޮރިޝަސް ބޭންކުގައި އަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގައި ފައިސާނެތި އަލީ ޒާހިރު އެކައުންޓުގައި ފައިސާ ނެތީސް ފައިސާ ދޫކުރުމާ ގުޅިގެން އެފައިސާ އަބުރާ ބޭންކަން ދެއްކުމަށް އެންގުމުން އެކަމަށް އަލީ ޒާހިރު އިންކާރު ކުރި މައްސަލަ އިސްއިތުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި އެވެ.

މޮރިޝަސް ކޮމާޝަލް ބޭންކުގައި އަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދު 4.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގެ ޑިޕޮޒިޓް ސްލިޕް ދެއްކުމަށްފަހު، މި 2.3 މިލިއަން ރުފިޔާ ނަސީރުގެ އެކައުންޓަށް ޖަމާކުރި ނަމަވެސް އޭގެ ކުރިން އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅި 4.1 މިލިއަން ރުފިޔާގެ ޗެކް ޖަމާވެފައި ނުވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ އޯވަރޑްރާފްޓްގެ ގޮތުގައި ބޭންކުން އަލީ ޒާހިރުގެ އެކައުންޓުން ޗެކަށް ދޫކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން "ފްރީ ގިފްޓް" އެއް ނޫން ކަމަށާއި އެ ފައިސާއަށް އަލީ ޒާހިރު ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިޔަސް، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވުނީ ބޭންކުގެ އިހުމާލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.