ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަނޫޕަމް ކޭރް އޭނާގެ 526 ވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު އުމުރުން 67 އަހަރުގެ އަނޫޕަމްގެ ކުރިއަށް އޮތް ފިލްމަކީ "ކާގަޒް 2" އެވެ. މިފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އަނޫޕަމް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.

ސަތީޝް ކޯޝިކް ޑައިރެކްޓްކުރާ މި ފިލްމަކީ ސަތީޝް ރައިޓްސް ގަނެފައިވާ 2015 ވަނަ އަހަރު ދެއްކި މަލަޔާލަމް ފިލްމު "ނިރުނަޔާކަމް"ގެ ހިންދީ ރީމޭކެކެވެ.

https://www.instagram.com/p/CfS2PJjDMP0/

މިހާތަނަށް 525 ފިލްމެއެއްގައި މަސައްކަތް ކޮށްފައިވާ އަނޫޕަމްގެ ފިލްމުތަކުގެ ތެރޭގައި "ސާރުނާޝް"، "އަ ވެނިސްޑޭ" އަދި "ސްޕެޝަލް 26″ ފަދަ ފިލްމުތައް ހިމެނެ އެވެ.

އަނޫޕަމް އެންމެ ފަހުން ނިންމާލާފައިވަނީ "އޫންޗާއީ" ގެ މަސައްކަތެވެ. މިފިލްމުގައި ލެޖެންޑްރީ އެކްޓަރުން ކަމުގައިވާ އަމީތާބް ބައްޗަން، ބޯމަން އިރާނީ އަދި ނީނާ ގުޕްތާވެސް ފެންނާނެ އެވެ. މަހީމާ ޗައުދަރީއާއިއެކު އަނޫޕަމް ފެންނަ "ދަ ސިގްނޭޗާ" އަކީ އަނޫޕަމްގެ 525 ވަނަ ފިލްމެވެ. މީގެ ފުރަތަމަ ލުކްވެސް ދާދިފަހުން ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.