ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާލެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަކީ 4 ވަނަ ދައުރުގެ ކައުންސިލްގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންގެ ހައްގުގަ ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި، އެގޮތުން ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވުމަށް ފުރަތަމަ ދުވަހު ވެސް ވާނީ ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައި ކަމަށެވެ.

"ގުޅީފަޅުގައި ޕޯ ޓް ހަދަންއޮތް ޖާގަ ދޫކޮށްފައި ބާކީ އޮތް ޖާގަ ހިއްކެވީމާ 200 ހެކްޓަރުވަރުގެ ޖާގަ ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ލިބޭނެ ކަމަށް ވާނީ ދަންނަވާފައި. މަދުވެގެން 30 ހަކަށް ހާސް ރައްޔިތުންނަށް އެތަނުން ގޯތި ދެވޭނެ ކަމަށް ވާނީ ދެންނެވިފައި،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއިއެކީ މިކަން ކުރިއަށް ގެންދިއުމަށް ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހުޅުމާލެއިން ގޯތި ދޫކުރާނަމަ ކައުންސިލްގެ އިހްތިސާސް ހިމެނޭ ސަރަޙައްދެއްކަމުން ކައުންސިލް އެކަމުގައި ބައިވެރިކުރަން ދަންނަވާފައިވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމަށް އެންމެ އައުލާކަންބޮޑު ފަރާތްތައް ހޮވުމުގަ އެކަން އެންމެ ރަނގަޅަށް ދެނެގަންނަން ފަސޭހަ ވާނީ އެތަނެއްގެ ކައުންސިލަށް ކަމަށްވާތީ އެހެން އެދުނިން. އެހެން ނަމަވެސް އެކަމުގައިވެސް އެއްވެސް ކަހަލަ ބައިވެރިވުމެއް އަދި ނުދޭ، ކައުންސިލަކަށް ފުރުސަތެއް ނުދޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަތޮޅު ތެރެއެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޭންވާނީ ހިލޭކަމުގައި ދެންނެވިފައިވާ ކަމަށާއި، މިހާރު ސަރުކާރުގެ ވިސްނުން އެގޮތަށް ބަދަލުވެފައިވާކަމީ މި ކައުންސިލުން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލްގެ 58 ވަނަ ޖަލްސާގައި މާލޭގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިންނެވީ އެކި ދާއިރާތަކުގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވާ ނިކަމެތިން ދެނެގަނެ ބޯހިޔާވަހިކަމަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެ ފަރާތްތަކަށް ހިތްވަރު ދެއްވުމަށެވެ.