ސަލްމާން މިސްކިތުގައި މިއަދު ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މީހަކު ފުލުހުން ހައްޔަރުކުރި ފަހު މާ ގިނައިރުތަކެއް ނުވެ، އޭނާ ދޫކޮށްލައިފި އެވެ.

އައިއެސްގެ ލޯގޯ ޖެހި ޖުއްބާ އެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އެރާ އަޑުގަދަ ކޮށްފައިވަނީ އުމުރުން 43 އަހަރު ދިވެހި ފިރިހެނެކެވެ.

މަންޒަރު ދުށް ބައެއް މީހުންނާއި އާއްމުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖުއްބާއެއްލައިގެން ބޮލުގައި ފަގުޑި އަޅައިގެން ހުރި މީހަކު ވަނީ މިންބަރަށް އަރައި، އެ މިސްކިތުގައި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ. ބައެއް ކަންކަމުގައި ހިތްހަމަނުޖެހުންފާޅުކޮށް އަޑުގަދަކޮށް، ހަޅޭއްލަވާފައިވެ އެވެ.

އެމީހާ މިންބަރުގައި ހުރެ އެކި ވާހަކަތައް ދެއްކިއިރު ހުތުބާ ފަށަން އޮތީ މަދު ވަގުތުކޮޅެކެވެ. ފުރަތަމަ އޭނާ ވާހަކަ ދައްކަން ފެށިއިރު މިސްކިތުގައި ތިބި މީހުން އަޅާ ނުލައިތިބީ އެވެ. މިސްކިތާއި ހަވާލުވެ ތިބި މީހުން ވަނީ މިންބަރުން ފޭބުމަށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް އޭނާގެ ވާހަކަ ނުހުއްޓާ ކުރިއަށް ގެންދިއުމުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާ އެތަނުން ބޭލުމަށް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް އަޑުގަދަކޮށް ނުކިޔަމަންތެރިކަން ދައްކަން ފެށުމުން އެތަނަށް ފުލުހުން އައިސް އޭނާގެ އަތުގައި ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ގެންދެ އެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފިރިހެން މީހާއަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.