ފައިބަރު މަސައްކަތްތަކާ ގުޅޭގޮތުން ވިލިމާލޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ 58 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފައިބަރު މަސައްކަތާ ގުޅޭގޮތުން އެންޖީއޯތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ރައްޔިތުންނާއެކު އެންމެން އެއްތާކުން ބައްދަލުކޮށް މަޝްވަރާކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުވުން އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އެންމެން އެއްތަނެއްގައި ތިބެ، ބިނާކުރަނިވި ގޮތެއްގައި މިކަމާމެދު ވާހަކަދައްކާ ގޮތެއް ނިންމުން ކަމަށާއި، ކައުންސިލުން ކުރެވުނު ކަންކަން ކިޔައިދިނުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މިބައްދަލުވުމަށް އެންވަރުމަންޓް މިނިސްޓްރީ އާއި އެޗްޕީއޭ އަދި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ދައުވަތު ދެއްވާނެ ކަމަށާއި އެ ހުރިހާ ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އެންވަރުމަންޓް މިނިސްޓްރީ، އެޗްޕީއޭ އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދައުވަތު ދޭނަން. މިކަން އެބަ ޖެހޭ ނިމެން، އަޅުގަނޑުމެން އަބަދުވެސް ކުރިއަށްދަނީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް،" މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން އެކިއެކި ދާއިރާތަކާއި ގުޅޭ މަޝްރޫޢުތައް ހިންގަވާއިރު މިގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.