މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
އަމީނީ މަގު އަލުން ތަރައްގީކުރުމަށް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
84 މިލިއަން ރުފިޔާއަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއު އަކީ، މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އާރްޑީސީ މީގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެ އެވެ.