އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އިއްޔެ ރެކޯޑު އަދަދަކަށް ޕާސްޕޯޓު ދޫކޮށްފި އެވެ.

އިމިގްރޭޝަން އިން ބުނީ ރޭ މެންދަމުން 12:00 ހަމަޔަށް 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ.

ކޮވިޑަށް ފަހު ދަތުރުފަތުރުކުރުމުގެ ލުއިތައް ދިނުމުން ރާއްޖޭން ބޭރަށް ދާ ދިވެހިންގެ އަދަދު އަންދާޒާ ކުރި ވަރަށް ވުރެ ވެސް އިތުރުވެ، ޕާސްޕޯޓުގެ ހިދުމަތަށް އެދޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.

ޕާސްޕޯޓްގެ ޑިމާންޑު އިތުރުވުމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެއިދާރާގެ މަސައްކަތު ވަގުތު ވެސް އިތުރުކޮށްފަ އެވެ.

އެގޮތުން، ރަސްމީ ގަޑީގެ އިތުރުން ރޭގަނޑު 9:30 އާއި ހަމައަށް މަސައްކަތު ވަގުތު އިތުރުކޮށްފައިވެ އެވެ.

މީގެކުރިން ދުވާލެއްގެ މައްޗަށް ޕާސްޕޯޓަށް އެދި 200 އެޕްލިކޭޝަން ހުށަހެޅި ނަމަވެސް މިހާރު އެވްރޭޖްކޮށް ދުވާލަކަށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އާއި ބޮޑު އީދު ޗުއްޓީއާ ދިމާކޮށް މާލޭން ރަށްރަށަށް ދަތުރު ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.