ކޮވިޑަށް ފަހު ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރާ މިންވަރު އިތުރުވުމާ ގުޅިގެން ޕާސްޕޯޓުގެ ޑިމާންޑް އިންތިހާއަށް އިތުރުވުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ހާލަތު ރަގަޅުވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރުން އިތުރުވެފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ޕާސްޕޯޓްގެ ޑިމާންޑު އިންތިހާއަށް އިތުރުވެފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެ އެވެ.

އެގޮތުން ކުރިން ދުވާލަކު 200 އެޕްލިކޭޝަން ހުށަހެޅި ނަމަވެސް މިހާރު ދުވާލަކު 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަން އިން ބުނެ އެވެ. ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މިންވަރު އިތުރުވުމާއި ގުޅިގެން ރޭގަނޑު 9:30 ގެ ނިޔަލަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން އިން ބުނީ ރައްޔިތުންނަށް ދޭ ހިދުމަތް އިތުރުކުރުމުގެ ގޮތުން މާދަމާއިން ފެށިގެން މެންދުރު ފަހު ތިނަކާ ހަމަޔަށް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން،" އިމިގްރޭޝަން އިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހިދުމަތަށް ހުށަހަޅާ މިންވަރު އިތުރުވެގެންދެ އެވެ. މިއަހަރު ޖުލައި މަހުގައި ބޮޑު ޗުއްޓީއެއް ލިބިގެންދާއިރު، ރާއްޖެއިން ބޭރަ ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރު ވެގެންދާނެ އެވެ.