ކުޑަ ކުދިންނަން ކުރާ ޖިންސީ ގޯނާއި ރޭޕުގެ މައްސަލަތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭ ރ. މަޑުއްވަރީގައި ފެންމަތިވި ރޭޕްގެ މައްސަލަ އޮއްބާލުމަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް މަސައްކަތް ކުރި ކަމަށް ބެލެވޭ އޯޑިއޯއެއް "ޗެނަލް 13" ދައްކާފައިވަނިކޮށެވެ.

"ޗެނަލް 13" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވަނީ މަޑުއްވަރީގައި ފެންމަތިވި ރޭޕްގެ މައްސަލާގެ ތުހުމަތުކުރެވޭ ޓީޗަރުގެ ފޯނު ކޯލުތަކެއް ލީކުކޮށްލާފަ އެވެ.

އެ ރެކޯޑިންތަކުން އަޑު އިވޭ ގޮތުގައި ރޭޕްގެ ތުހުމަތު ކުރެވޭ ޓީޗަރު ވާހަކަ ދައްކަނީ "އެޑަމް" ކިޔާ މީހަކާއި، "ސަމަރޭ" ކިޔާ މީހަކާ އެވެ. އަދި މިފޯނު ކޯލުތަކާ ގުޅިގެން މި މައްސަލައަށް ނުފޫޒު ފޯރުވަމުން އަންނަ ތުހުމަތުކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކަށެވެ. ނަމަވެސް އެ ބޭފުޅުން އެކަން ދޮގުކުރެ އެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޕު ކޭސް އަދި ކުޑަ ކުދިންނަށް ކުރާ ފުރައްސާރައިގެ މައްސަލަތަކުގައި ސަރުކާރާއި ގުޅުން ހުރި ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭނަމަ، ނުވަތަ ސަރުކާރުގެ ފަރާތެއްގެ މަސްލަހަތު ހިމެނިފައިވާ ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުން އެކަމަށް ނުފޫޒުތަކެއް ފޯރުވާ ކަމަށެވެ.

މަޑުއްވަރީގައި މީގެ އަހަރެއްހާ ދުވަސް ކުރިން 14 އަހަރުގެ އަންހެން ކުއްޖަކު، ގިނަ އަދަދެއްގެ މީހުން ޝާމިލުވާ ގޮތަށް ގަދަ ކަމުން ރޭޕުކޮށްފައިވާ މައްސަލަ، މިވަނީ އަނެއްކާވެސް ފެންމަތިވެފަ އެވެ.

މި މައްސަލަ އެންމެ ފުރަތަ ފެންމަތިވުމާއި އެކު މަޑުއްވަރީގެ ރައްޔިތުންވަނީ އަޑު އުފުލައި މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ބުނަމުން އަންނަނީ މި މައްސަލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށެވެ.