ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހުކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިފަދައިން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން ލާޒިމުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމަނާފައިވާ މާއްދާއާއެކު އެ ބިލު ތަސްދީގުނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނޫސްވެރިން އެދިފައިވަނިކޮށް އެ ބިލު އިއްޔެ ތަސްދީގުކުރެއްވުމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާއިރު، މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއްކަމަށެވެ. ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާ މިހާރު އޮތް ގޮތުން ކޯޓުތަކަށް ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް ހާމަކުރުން ލާޒިމުކުރެވޭނެ އެވެ.

ހެއްކާ ބެހޭ ބިލު ފާސްކުރާއިރު އެ މާއްދާ ނުހިމެނުމަށް ޖުޑީޝަރީ ކޮމިޓީއަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މީޑިއާ ކައުންސިލުން ވެސް ލަފާ އަރުވާފައިވެ އެވެ. އެ ދެ ފަރާތުން ވެސް ބުނެފައިވަނީ އެ މާއްދާގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން 180 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.

ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލުގައި ލާޒިމްކޮށްފައި އޮތުމަކީ ނުފޫޒާއި ބާރުހުރި ފަރާތްތަކުން އެކަމުގެ ނާޖާއީޒު ފައިދާ ހޯދުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިންނާއި އަދި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަމަށް ބުންޏެވެ.

އެ ޕެޓިޝަން ހުށަހަޅާފައިވަނިކޮށް އެ ބިލް ތަސްދީގުކުރުމުން އެކަން ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ 158 ނޫސްވެރިއަކު ސޮއިކޮށް، ޕެޓިޝަން ހުށަހަޅާފައިވަނިކޮށް، ބިލް ތަސްދީގު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ.