ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕާ ގުޅޭގޮތުން މިޖަލްސާގައި ރައީސް ވިދާޅުވީ، އެ ސްކޮލަޝިޕްތައް ހޯދާފައިވާ ދަރިވަރުން، މަތީ ތައުލީމުގެ ދާއިރާތަކުގައި ހާސިލްކުރަމުން ދަނީ ވަރަށް ފޮނި ކާމިޔާބީތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުން ސިއްހީ ދާއިރާއިން ތައުލީމު ހާސިލުލުކުރަމުން ގެންދާކަމީ، ގައުމުގެ ކުރިމަގަށްޓަކައި އެކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމުގަ އެވެ.

ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރު ވެސް ކުރިއަށް އެބަދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތައުލީމުގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ އަހަރުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތައާރަފްކޮށް، މިއަދާ ހަމައަށް 14،711 ދަރިވަރުންނަށް އެ ޕްރޮގްރާމުން ވާނީ ފުރުސަތު ހޯދައި ދެވި، 4،696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުހާލާއަކަށް އާދެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިންތިޒާމުތައް މިސަރުކާރުން ހަމަޖައްސައިދީފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ 7 ރަށެއްގައި އަލަށް ސާނަވީ ތައުލީމު ދޭން ފަށާފައިވާ ކަމަށާއި، އިތުރު ތިން ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި 6 ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ލިޔުން މި ޖަލްސާގައި އެ ދަރިވަރުންނާއި ހަވާލުކޮށްދެއްވީ، ރައީސް ސޯލިހު އެވެ. އެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީގެ 5 އަންހެން ދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނާއި، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް، އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފަ އެވެ.

ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ، އެ ކުދިން މި ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ކުދިން ވަށައިލާނެ ކަމަށާއި ހިތް އެދޭ އެތައް ކަމެއް ކުދިންގެ ވިސްނުމާ ކުޅެމުން ދާނެ ކަމަށެވެ. އަދި ހޮޅިލައި ނަގާ ކިތަންމެ ރާޅެއް އެކުދިންގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމް ދީނުގެ ސައްހަ އަގީދާއަށް ވުރެ ބޮޑަށް، ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހާސިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަން ތާއަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ހާސިލްކުރި 6 ދަރިވަރުންގެ އިތުރުން، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.