މި އަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔައިރު މިއަދު ވަނީ ހައްޖަށް ދިޔަ ދެވަނަ ގުރޫޕު ރާއްޖެ އައިސްފަ އެވެ. މިއަދު ހެނދުނު 10:28 ގައި ފްލައިޓިން 175 ހައްޖުވެރިން ވަނީ އައިސްފަ އެވެ.

ފުރަތަމަ ގްރޫޕު ރާއްޖެއައިސްފަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފްލައިޓުން 157 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އައި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕެކޭ އެއްގޮތަށް ދެވަނަ ގްރޫޕުގެ ހައްޖުވެރިންނާއި އާއިލާގެ ބޭފުޅުންނަށް ހާއްސަކޮށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ.

ހައްޖާޖީން ބަލާ އެއާޕޯޓަށް އަންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ވެހިކަލްތަކުގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފްލައިޓުން އަންނާނީ ޖުމްލަ 117 ހައްޖުވެރިންނެވެ.