މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވި އެވެ. މިގޮތުން އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނުގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިކޮންފަރެންސްގެ މުހިއްމުކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ނައިބް ރައީސް ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށާއި، އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެކަަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިފޯރަމް ބާއްވަނީ، އެމެރިކާ ސަރުކާރާއި އިންޑޯ ޕެސިފިކް ކޮމާންޑުން ގުޅިގެނެވެ. މިއީ ކޯވިޑް 19އަށް ފަހުގައި، އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ.