ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަށްޓަވައިދެއްވައިފި އެވެ.

ރައީސް ސޯލިހު އާއި ބޮޑުވަޒީރު މޯދީ، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެގޮތުން ދެބޭފުޅުން ވަނީ އެކަމަށް ހާއްސަކޮށްފައިވާ ރަމްޒީ ފިލަތަށް ފިއްތަވާލައްވާފަ އެވެ. އަދި އިންޑިއާގައި އިތުރުން ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް މާލޭގައި ވެސް ވަނީ ހަމަ އެވަގުތު ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ތަނބަކީ ތިލަމާލެ ބްރިޖް މާލެ އާއި ހަމައިން ފެށިގެންދާ ފުރަތަމަ ތަނބެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ގާއިމުކޮށްފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ތަނބުގެ މަސައްކަތް ފަށާއިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަހައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ ހިލޭ އެހީ އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއު މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުންނެވެ.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ގްރާންޓެއް ވެސް ވަނީ ދީފަ އެވެ. (ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެ އާއި ވިލިމާލެއާ އާއި، ތިލަފުށި އަދި ގުޅިފަޅު ގުޅާލާނެ އެވެ.

ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024ވަނަ އަހަރު އެވެ.