ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ، ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީހާއި އެތަނުގައި ހުރި ވަސީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފަ އެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސް އާއި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށްވުމާއި، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތުމުން، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމެވެ. އަދި ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރުކަން ވެސް ރައީސް ފާހަގަކުރައްވާފަ އެވެ.

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއާ ކޮންޓެއިނަރ ހޭންޑްލިން ބަނދަރެކެވެ. އިންޑިއާގެ މައި ބަނދަރުތަކަށް ބަލާއިރު، އެ ބަނދަރުތަކަށް ބާލާ ކޮންޓެއިނަރު ކާގޯގެ 50 ޕަސެންޓް ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނަރު ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މި ބަނދަރުން، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.