ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ދެ ޓަވަރުން ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްފި އެވެ.

ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުން އޮތީ މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިރަސްމިއްޔާތުގައި ވަނީ ފްލެޓް ލިބުނު 328 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އަދި ބާކީ 32 އެޕާޓްމަންޓުގެ ތަޅުދަނޑި ފަހުން ހަވާލުކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ކުންފުނި ތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި ސްޓެލްކޯއިން ވެސް ވަނީ ދެ ޓަވަރު އަޅާފަ އެވެ. ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓު ހިމެނޭއިރު ދެ ކޮޓަރިއާއި މެއިޑް ރޫމް އަދި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ 288 އެޕާޓްމަންޓު ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން އެއް ކޮޓަރި އާއި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ ޖުމްލަ 72 އެޕާޓްމަންޓް ތަރައްގީކޮށްފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކުރި ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ފްލެޓުގެ އަގުތައް:

  • އެއް ކޮޓަރީގެ އެޕާޓްމަންޓް: ކުލީގެ ގޮތުގައި މަހަކު 5،622 ރުފިޔާ، މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ
  • 2+1 ކޮޓަރީގެ އެޕާޓްމަންޓް: ކުލީގެ ގޮތުގައި 10،652- 10،356 ރުފިޔާއާ ދެމެދުގެ އަދަދެއް، މެއިންޓަނެންސް ފީގެ ގޮތުގައި 1،300 ރުފިޔާ

އޭގެ އިތުރުން މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ވެސް ދައްކަންޖެހޭނެ އެވެ.

ސްޓެލްކޯގެ ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް އެކުންފުނިން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ސްޓެލްކޯއަކީ ފްލެޓްގެ މަސައްކަތް އެންމެ އަވަހަށް ނިންމާ ފްލެޓް ހަވާލުކުރި ކުންފުނި އެވެ.