އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށް ސީޕީ ވިދާޅުވޭ.

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ބަލާ މައްސަލަތަކުގައި އެއްވެސް ވަޒީރެއްގެ ނަމެއް ނުހިމެނޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން އަލަމްގީރާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އޭގެ ތެރެއިން އެއް ޖިންސުން ގުޅުންހިންގި ކަމަށް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވާ މީހުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ލިސްޓެއް އާންމުކޮށްފަ އެވެ.

އަލަމްގީރަށް ގުޅި މީހުންގެ ފޯނު ނަންބަރުތަކާއެކު އުމަރު ޝުޖާއު ނަމުގައި ހިންގަމުން އަންނަ ޓުވިޓާ އެކައުންޓަކުން އާންމުކޮށްފައިވާ އެ ލިސްޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ޑރ. އިބްރާހިމް ހަސަން ގެ ނަން ވެސް ނަންބަރާއެކު އޮތެވެ.

މިކަމާ ގުޅިގެން ބައެއް މިޑިއާތަކަށް ދިން އިއްޓަވިއެއްގައި ސީޕީ ހަމީދު ވިދާޅުވީ ކާކުކަން ނޭނގޭ އައިޑީއަކުން ދައުރުކުރާ އެ ލިސްޓުގައި ފުލުހުން ބަލަމުން އަންނަ މައްސަލަތަކުގައި ނުހިމެނޭ ނަންތައް އެބަހުރި ކަމަށާއި އަދި ވަޒީރެއްގެ ނަން ނުހިމެނޭ ކަމަށެވެ. އަދި އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ލިސްޓުގައި އެއް ޖިންސުން ގުޅުންހިންގި މައްސަލައާ ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާ މީހުންގެ ނަންތައް ވެސް އެބަހުއްޓެވެ.

ރާއްޖޭގައި ވަޒީފާއަދާކުރަން އެތެރެވި އާލަމްގީރު، އޭނާ ދިރިއުޅޭ ކޮޓަރީގައި ގިނަ އަދަދެއްގެ ބަޔަކާ އެކު ބަދުއަހުލާގީއަމަލު ހިންގި މައްސަލައިގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފުލުހުން ތަހުގީގުގައި އެއްބަސްވެފައެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.

އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯ އާއްމުވާނެ ކަމުގެ އިންޒާރުތަކަށް ފަހު ފުރަތަމަ ލީކުކޮށްލީ ވަކީލް ނާޒިމް ސައްތާރުގެ ވީޑިއޯ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއްގެ ވީޑިއޯ އާއްމުކުރި އެވެ. މި ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި ތިން މީހުންނަށް ފަހު، ނޫސްވެރިޔާ ނަސީރުގެ ވީޑިއޯއެއް ލީކުކޮށްލުމުން ތަހުގީގަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.