މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ ނެގުނީ އެންމެ 25 ރުފިޔާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މީރާއިން ވައްކަން ކުރީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނު 8:30 ގައި ކަމަށް ފުލުހުން ބުނެ އެވެ.

މީރާ ފަޅާލައިގެން ނެގީ އެންމެ 25 ރުފިޔާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މީރާ އާއި ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތަކީ ސައުވީސް ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ. އަބަދުވެސް އެސަރަހައްދުގައި ފުލުހުން ތިބޭއިރު ސެކިއުރިޓީ ކެމެރާތައްވެސް އެސަރަހައްދުގައި ހަރުކޮށްފައި ހުރެ އެވެ.

ފުލުހުން ފޯރިމަރަމުންދަނިކޮށް މީރާ ފަޅާލައި ވައްކަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.

ސެކިއުރިޓީ ބަލަހައްޓަމުންދާ ތަނެއް ކަމުން މިފަދަ ގޮތަކަށް އެތަނުން ވައްކަން ކުރެވުމަކީ ފުލުހުންގެ ސެކިއުރިޓީ އާ މެދު ސުވާލު ދަނީ އުފައްދަމުންނެވެ.

މީގެ ކުރިން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ވެސް އެތައް ފަހަރަކު ފަޅާލާފައިވެ އެވެ.