ފާހިޝް މަންޒަރުތައް އާންމުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގާ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ދުވަސްވަރެއްގަ އެވެ. އެ މައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި މަގާމުތަކުގައި ތިބި މީހުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޭގެ އިތުރުން އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި ފުލުސް އޮފިސަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ފުލުހުން ވަނީ މައްސަލައެއް ފޮނުވައިފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށެވެ.

އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މިފަދައިން އިމްރާން ވިދާޅުވެފައިވާއިރު ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ރަގަޅަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 622 ވަނަ މާއްދާ އަކީ އެފަދަ ކުށްތަކަށް އަދަބު ކަނޑައަޅާފައިވާ މާއްދާ އެވެ.

ޤާނޫނުލް ޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ، އެއްޗެއްގެ ހަޑިހުތުރުކަން އެނގިހުރެ ނުވަތަ އޭގައިވާ އެއްޗަކީ ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، ހަޑިހުތުރު އެއްޗެސް ހިމެނޭ ވަސީލަތެއް ޝާއިއުކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށެވެ. އެއީ ޖުނަޙުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ބަލާއިރު 4 މަހާއި 24 ދުވަހުގެ އަދަބެއް އަންނަ އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 1 އަހަރުގެ ހުކުމެއް އަންނާނެ ކުށެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖިންސީ ކުށުގެ ޤާނޫނު، ޤާނޫނު ނަންބަރު 17/2014ގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބުނެފައިވަނީ މީހަކު އޮރިޔާންކާޑު ހެދުމަކީ ކުށެއް ކަމަށާއި، އެފަދައިން އުފައްދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުމަކީ ކުށެއް ކަމަށެވެ. އޮރިޔާންކާޑު އުފެއްދުމުގެ ކުށަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު އޮރިޔާން ކާޑު އާންމުކުރާ ފަރާތްތަކަށް 3 އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އަދި މީހެއްގެ ރުހުމަކާނުލައި ހަދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކުރުމަކީ ކުށެއްކަމަަށް އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެއެވެ. އެ ކުށުގެ އަދަބެއްކަމަށް އެ ގާނޫނުގައި ބުނެފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނުގައި އަދަބު ކަނަޑައަޅާފައި ވީނަމަވެސް ތަންފީޒީ އިދާރާތަކުން މިކަމުގައި އިހުމާލުވަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.