އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އޭގެ ނަތީޖާފެންނަމުންދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ، އިމާދުއްދީން ސްކޫލުގައި ގާއިމުކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބު ރައީސް ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، ރައީސް ސޯލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމް ކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ރައީސްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭންފެށިފައިވާ ކަމަށާއި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާ ކަމުގައި ވެސް ނައިބް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ހދ ކުޅުދުއްފުށީގައި ވަރަށް އަވަހަށް މިފަދަ ހިދުމަތްތައް ފެށުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، "ފަންނުވެށި"ގައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

ހާއްސައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި"އަކީ، ދިވެހިރާއްޖޭގެ ތައުލީމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ. ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެ އެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.