ޔޫޓިއުބުން ސްޓްރީމިންގެ ހިދުމަތް ދިނުމަށް 'ޗެނަލް ސްޓޯރެއް' ތައާރަފް ކުރަން ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ބުނީ ޔޫޓިއުބުން އަންނަނީ އޮންލައިން ސްޓޯރެއް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވެދިޔަ 18 މަސް ދުވަހު ތެރޭގައި ގޫގުލްގެ ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމުން އަންނަނީ "ޗެނަލް ސްޓީރެއް" ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޔޫޓިއުބުން މިކަމާއި ގުޅިގެން އަލުން އެންޓަޓެއިމަންޓް ކުންފުނިތަކާއެކު މަޝްވަރާ ވަނީ ފަށާފަ އެވެ.

ޔޫޓިއުބުން މިހާރުވެސް މަހަކު 65 ޑޮލަރު ލިބޭ ސްޓްރީމިން ޓީވީ ސަބްސްކްރައިބަރުންނަށް އެޗްބީއޯ މެކްސް ފަދަ އިތުރު ހިދުމަތްތަކަށް އެކްސެސް އިތުރު ކުރުމުގެ އިހްތިޔާރު ދީފައިވެ އެވެ.

ޖާނަލް އިން ބުނާ ގޮތުގައި ޔޫޓިއުބުން ޕްލެޓްފޯމް މިހާރުވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމަށްކަންވާއިރު އަލަށްފަށާއި ސްޓޯރުގެ ސަބަބުން އެތަނަކުން ހުރިހާ ސްޓްރީމިން ހިދުމަތްތައް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ޔޫޓިއުބްގެ "ޗެނަލް ސްޓޯރު" މިއަހަރުގެ ތެރޭގައި ލޯންޗް ކުރެވިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓަނެޓުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފުޅާވަމުން އަންނަ އިރު، ގިނަ ބަޔަކު ދަނީ ކޭބަލް ޓީވީއާ ދުރުވެ، އިންޓަނެޓު ސްޓްރީމިން އަށް ބަދަލުވަމުންނެވެ.

ދާދި ފަހުން ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ އެންމެ ގިނަ ފިހާރަތައް ހިންގާ ވޯލްމާޓު ކުންފުނިން ވެސް ސްޓްރީމިން ސިނާއަތަށް ވަނުމަށް މީޑިއާ ކުންފުނިތަކާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.