ގަވާއިދުން ކަސްރަތު ކުރުމަކީ އިންސާނާ ދުޅަހެޔޮކޮށް ހުރުމުގެ އިތުރުން ބަލިތަކުން ރައްކާވެ ތިބުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާ ހުރި ކޮންމެ ވެސް ކަސްރަތެއް ކުރުމަކީ އެދެވިގެންވެ އެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާއިރު ކަސްރަތު ކޮށްގެން ބަރުދަން ލުއި ކުރެވިދާނެ އެވެ. މިގޮތުގެ މަތިން ލޭގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވެ ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތަށް ފަދަ ބަލިތަކުން މީހާ ދުރުކޮށްދެ އެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ކުރިޔަށް ގެންގޮސްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކަސްރަތު ނުކުރާ މީހަކަށް ހިތުގެ ބަލިޖެހުމުގެ އިތުރުން ކޮލެސްޓްރޯލް މަތިވުމުގެ ފުރުސަތު އާދައިގެ މިންވަރަކަށް އޮވެ އެވެ. އެހެންކަމުންު ގަވައިދުން ކޮލެސްޓްރޯލް ޗެކްކުރުމާއެކު، ކަސްރަތު ކުރުމާއި ކެއުމަށް ބަދަލުގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިދެންނެވި ގޮތަށް ކަސްރަތު ބަރާބަރަށް ކުރިއަށް ނުގެންދެވޭނަމަ ސަރުބީ އިތުރުވެ ހިތުގެ ލޭހޮޅިތަކަށްޖެހޭ ބަލި ޖެހުމަށް މަގުފަހިވާ ކަމަށް ވަނީ ހޯދިފަ އެވެ.

އެހެން ނަމަވެސް ކަސްރަތު ބަރާބަަރަށް ކުރިއަށް ގެންދަނިކޮށް ސަރުބީ މަތިވެ ލޭ މައްޗަށް ގޮސް، ހަކުރު ބަލިޖެހި، އަދި އަތްފައިގެ ލޭހޮޅިތަކުގެ ބައްޔެއް ފަދަ ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ.

ސަރުބީ މަތިވެފައިވާ މީހަކަށް ބޭސް ބޭނުންވާކަން ކަނޑައަޅަނީ އެމީހަކަށް ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް ނިސްބަތާ، ސަރުބީ މަތިވެފައިވާ މިންވަރެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އަދި ބައެއް ފަހަރު ހަމައެކަނި ކަސްރަތުކޮށް ކެއުމަށް ބަދަލު ގެނައި ނަމަވެސް ސަރުބީ ދަށްނުވެ ހުންނަކަން ފާހަގަވެ އެވެ.

އެހެންކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއެކު، ކަސްރަތު ކުރުން ކުރިއަށް ގެންދަމުން، ސަރުބީ ދަށް ކުރުމަށް ޑޮކްޓަރުން ދެއްވާ ލަފާގެ މަތިން ގަވާއިދުން ކުރިއަށް ދިޔުމަކީ މުހިންމު ކަމެކެވެ.