ބޮލީވުޑްގެ އެކްޓަރުގެ އަމީތާބު ބައްޗަށް ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެ އެވެ.

ދެ ވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އަމީތާބު އިއުލާނުކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގަ އެވެ.

އަމީތާބު ބުނެފައި ވަނީ އޭނާ އާއި ދިމާވި މީހުން ކޮވިޑަށް ޓެސްޓް ހެދުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ކޮވިޑަށް ޕޮޒިޓިވް. އަޅުގަނޑާ ދިމާވި މީހުން ޓެސްޓް ކޮށްލައްވާ،" އަމީތާބު ބުންޏެވެ.

އަމީތާބު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އޭނާ އަށް އަވަސް ޝިފާއެއް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

2020 ވަނަ އަހަރު އަމީތާބު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން އާއި ދަނބިދަރި އައިޝްވާރިޔާ ރައީ ބައްޗަން އަދި ކާފަދަރި އާރާދްޔާ ބައްޗަން އަށް ވެސް ވަނީ އެފަހަރު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަމީތާބު މިހާރު އަންނަނީ އޭނާ ހޯސްޓްކުރާ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ)ގެ 14 ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ.