މަސްމާރުކޭޓު ކުރިމަތިން ބިންމަތީގައި ދާވަންޏެއްގައި، ހިބަރު މަސްބުރިއެއް ޖަހާފައި ދަމާ ގެންދިޔަ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާ ހާވަމުން ދަނިކޮށް ފެނުނެވެ. އެއާއި އެކު ގަތް ފަކުރާއި އެއްވަރަށް ހިތަށް އެރި ސުވާލުތައް ވެސް ގިނަ އެވެ.

ރޯމާ ދުވާލު އެތައް ބައެއްގެ ކުރިމަތީ މިކަންތައް މިހިސާބަށް ކަންތައް ދިޔައިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލް ކޮބައިތޯ ސުވާލު ނުއުފެދޭ ވަރެއް ނޫނެވެ.

މާލޭގެ ގިނަ ބަޔަކު ހިދުމަތް ހޯދަންދާ މަސް މާރުކޭޓުގެ ހާލަތު ދަށް ވާހަކަ އަބަދުވެސް މީހުން ދައްކާ ވާހަކަ އަޑުއަހަމެވެ. ކުރިން އެ ވާހަކަ ގަބޫލުނުކުރެވުނަސް މި ފޮޓޯއާއި އެކު އެއީ ތެދުކަން މިހާރު ކަށަވަރުވެއްޖެ އެވެ.

މަސްމާރުކޭޓު ތަރައްގީ ކުރަން ކޮންމެ ސަރުކާރަކުން ވެސް ފޮނި ހުވަފެންތައް ދައްކަ އެވެ. ރާނާފައި އެހެރަ ގޮޅިތަކާއި ބާލިދީތަކަކީ ތަރައްގީކަމަށްވަންޏާ ކިތަންމެހާ ވެސް ތަރައްގީ ވެއްޖެ އެވެ. ނަމަވެސް އެ އެއްޗެހީގެ ބޭނުން ހިފަނީ ކިހިނެތް، ކޮންގޮތަކުން ތޯ ބަލާލާނެ މީހަކު ހަމަ ނުވެ އެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާއި އެކު ގިނަ އާންމުންގެ ޝަކުވާއަކަށް ވެސް ވީ މިކަމެވެ. އެ މީހުން ބުނާ ގޮތުން ހޮޓަލެއްގައި ހެދިކާ ވިއްކަން ހުންނަ މީހާބޮލުގައި ކެޕެއް ނާޅާ ހުންނާތީ އެޗްޕީއޭ އިން އެތަން ބަންދުކުރާ ހިސާބަށް ކަންތައް ދާއިރު މަސްމާރުކޭޓު ބޭރު ބިންމަތީގައި ހުންނަ ނަޖިހާއި އެކީ މަސް ދަމާ ގެނައި އިރު އެފަދަ ކަންތައް ހުއްޓުވައި، ފިޔަވަޅެއް އަޅާނެ މީހަކު ނެތް ކަމަށެވެ.

މިކަންތައް މިއަށްވުރެ ރަނގަޅަށް މަސް މާރުކޭޓު މޮނިޓާ ކުރެވެން އެބަޖެހެ އެވެ. ހާއްސަކޮށް ކާބޯތަކެތި ވިއްކާ އަދި ގިނަ މީހުން ބޭނުންކުރާ މަސްމާރުކޭޓު ފަދަ ތަންތަން ގަވައިދުން ބެލެހެއްޓެން އެބަޖެހެ އެވެ. ކާބޯތަކެތި ވިއްކުން އެމީހަކު ބޭނުން ވަގުތަކު، ބޭނުން ގޮތަކަށް ކުރެވެން އޮންނަ އުސޫލު ބަދަލުކުރަން އެބަޖެހެ އެވެ. ޓައި އަޅާލައިގެން ފިނި ކޮޓަރީގައި ގޮނޑި ހޫނުކުރަން ތިއްބަސް އަދި މިކަމެއް ނުވާނެ އެވެ.

މީގެ އިތުރުން މަސް ނުވަތަ އެހެނިހެން ކާބޯތަކެތި ވިއްކާ މީހުންވެސް ތިމާމެންގެ އަމިއްލަ ފަރުދީ ޒިންމާއެއް މިކަމުގައި އޮތްކަން ދަނެ ސާފުތާހިރު ކަމާއި އެހެންމީހުންގެ ރައްކާތެރިކަމަށް ވިސްނާ، ސާފުތާހިރު ކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މިކަން ކުރަން އެބަޖެހެ އެވެ.