ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކައުންސިލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާތަކުގެ ހަތަރުވަނަ ސެމިނާ "ފަނޯއްލަ ދަރުބާރު" ލ. ގަމުގައި މިއަދު ފަށައިފި އެވެ.

މި ސެމިނާތައް ކުރިއަށް ގެންދަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫއެސްއެއިޑް ގުޅިގެނެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ އަވަހަށް ގެނައުމަށް މަޝްވަރާ ކުރެވެމުންދާ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންއާއި ގުޅޭ ބަދަލު ކަމަށް މި ދަރުބާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވި އެވެ.

މި ދަރުބާރު އަމާޒުކުރެވިފާ ވަނީ ފ. ފެށިގެން އައްޑޫ ސިޓީ އާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުން ދުއިއްސައްތައަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ އެވެ.

ފަނޯއްލަ ދަރުބާރުގެ މަގްސަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއި އަދި ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ.

މިގޮތުން މިހާސިންތާގައި އެއްބަސްވެވޭ ކަންތައްތައް 11-12 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.