ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާގެ ފްލެޓްތަކުގެ އިތުރު ޓަވަރުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެސަރަހައްދު މޮނީޓާ ކުރަން ފަށައިފި އެވެ.

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށުމާއެކު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ސީސީޓީވީ ކެމެރާ މިއަހަރުގެ ޖުލައި މަހުން ފެށިގެން އަންނަނީ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާގެ 4 ޓަވަރެއްގައި 768 ސެކިއުރިޓީ ކެމެރާ މީގެ ކުރިން ހަރުކޮށްފައިވެ އެވެ. އެފަހަރު ކެމެރާ ހަރުކޮށް ބޭނުންކުރަން ފެށި ޓަވަރުތަކަކީ H15 ،H14 H13 އަދި H16 އެވެ. މި މަސައްކަތުގެ ދަށުން އިތުރު 2 ޓަވަރެއްގައި މިހާރު ކެމެރާ ހަރުކޮށްފައިވާއިރު، ފަހުން ކެމެރާ ހަރުކުރި ދެ ޓަވަރަކީ H5 އަދި H8 އެކެވެ.

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މިއިން ކޮންމެ ޓަވަރެއްގައި 192 ކެމަރާ ކޮށްފައިވެ އެވެ. އެއީ ހަ ޓަވަރުގައި ޖުމްލަ 1،152 ކެމަރާ އެވެ. އެޗްޑީސީން ބުނީ ހިޔާގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމަރާ ހަރުކޮށް ނިމޭއިރު ޖުމްލަ 3،072 ކެމަރާ ޓަވަރުތަކުގައި ހުންނާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީހުން ދިރިއުޅެން ފެށިއިރު އެ ސަރަހައްދުގައި އަސާސީ މުހިއްމު ހިދުމަތްތައް ގާއިމުކުރެވިފައެއް ނުވެ އެވެ. ވަކިން ހާއްސަކޮށް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އެދުވަސްވަރު ހުށަހެޅޭ މިންވަރު އިތުރުވެގެންދިޔަކަންވެސް ފާހަގަކޮށްލެވެ އެވެ. އެޗްޑީސީން ދަނީ ކަމާގުޅޭ ފަރާތްތަކާގުޅިގެން އާއްމުންގެ މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ހިޔާ ސަރަޙައްދުގައި މެނޭޖްމަންޓް އޮފީހަކާއި، ފިހާރަތަކާއި ސުޕަރ މާކެޓާއި، ކްލިނިކާއި، ފާމަސީއަކާއި، ބޭކަރީއެއް މިހާރު ވަނީ ހުޅުވާފައެވެ. އަދި 3 ކެފޭއާއި، ސެލޫނަކާއި، މިސްކިތަކާއި، 2 ވަގުތީ މިސްކިތެއް އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވެއެވެ. ހަމައެހެންމެ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ވަނީ ފަށާފަ އެވެ.