ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދަޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ލ. ގަމުގައި ފެށި ތިން ވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގު ކަމަށެވެ.

"މި ކޮންފަރެންސް މިބޭއްވެނީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒު ކުރެވިގެން، ހައްދުންމަތީ ގަމުގައި އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތްދިގަށް ބެލިޔަސް، ވަރަށް ބޮޑު ތަފާތެއް މިހާރު ފެނޭ. ތިމާ ދޮރުމަތިން، ތިމާ ގޭހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން، އަދި މުޅި ރާއްޖެއިން ވެސް މިހާރު މިދެންނެވި ބަދަލު ފެންނާނެ، އަތްލެވޭނެ، ބެލޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލ.ގަމުގައި ކުރިއަށްދާ ތިން ވަނަ

ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް ރާއްޖޭގައި ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލުކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއްކަމުގައި ވިޔަސް އެއީ އެ ރަށަކަށްޓަކާ ކުރާ ކަމެއް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްކުރާއިރު އެމަނިކުފާނު އެ މަގާމުގައި ދެމިހުންނާނީ ވެސް، އެ މަސައްކަތް މުޅިން ނިންމާ، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއާޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކިތަފާތެއް ނެތް. މިހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްޤީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު އިހްތިޔާރު ކުރާތަނެއްގައި އުފާފާގަތި ކަމުގައި އާއިލާ ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކުރުން،" ރައީސް ވިދާޅުވި އެވެ.

ލ.ގަމުގައި ކުރިއަށްދާ ތިން ވަނަ

މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ލ. ގަމުގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސް އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައް ހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.

ލ.ގަމުގައި ކުރިއަށް ގެންދާ ތިން ވަނަ

ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީ ގޮތުން އިދާރާތަކުން ކުރަމުން އައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުންނާ އތމ. ކޮމެޓީތަކުގެ ރައީސުންނާއި ރައީސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.

މިއަދު ފެށި ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ފުވައްމުލަކާއި އައްޑޫ މޭޔަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.