ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް މުސާރައިގެ ހެޔޮ ބަދަލު ވަރަށް އަވަހަށް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާ ، މޮބައިލް ލެބޯރޓަރީގެ ހިދުމަތް އެހިިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާކަން ފާހަގަކުރެއްވި އެވެ.
ޒަމާނުއްސުރެ ކަނޑަނާޅާ އޮތް "އެންމެ ދަށް އުޖޫރަ" މި ސަރުކާރުން ކަނޑައަޅައި އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީވެސް އިންޤިލާބީ ބަދަލެއް ކަމަށެވެ.
އޭގެ ސަބަބުން ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމުގައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވިފައިވާކަމުގައި ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ދެން މި ބަދަލު އެންމެ އަވަހަށް ފެނިގެންދާނީ ސިއްހީ ދާއިރާއިންކަން ވެސް އެމަނިކުފާނުގެ ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ހައި އެޗީވާސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާ ތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލު ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަސާސީ ބައެއް ހިދުމަތްތައް ކަމުގައިވާ ފެނާ ނަރުދަމާ 2018 އާ ހަމަ އަށް އައިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި، ޤާއިމުކޮށްފައެއް ނުވެ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކޮށް ނިންމުމަށް އަމާޒު ހިފައިގެން އެމަސައްކަތްތައް ނިންމަމުން އަންނަނީ އެ ޚިދުމަތްތަކަކީ ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާ، މުޅިރާއްޖޭގެ ތަރައްޤީ، އޭގެ މައްޗަށް ބިނާވާ އަސާސްތައް ކަމުގައިވާތީ ކަމަށެވެ. ފެނާ ނަރުދަމާގެ އިތުރުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ ޢަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓްދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
"ބާވެ ހަސްނެތި އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާ، ބޯދުމާ، ގެނދަބުޅިން، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު، ފެނަކައިން ހިންގަމުން އެބަގެންދޭ (.) އާޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން (.) ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން (.) ދުރު އަދި މެދު ރާސްތާގާ، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން (.)" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅި ލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާ ގޮތަށް ކަމުގަ އެވެ.
ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ތަރައްޤީ މަޝްރޫޢުތައް އަދި ސިޔާސަތުތައް އެކުލަވާލާފައި ވަނީ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގައި އުފާ ފާގަތި ކަމާއެކު ޢާއިލާއެއް ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު މިހާރު ފެށިފައިވާ ރާއްޖެ ޓްރާސްންސްޕޯޓް ލިންކް (އާރުޓީއެލް) އާއެކު މީގެ ކުރިން ފަހިނުވާ މިންވަރަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފަހިވެ ވަކިވަކި ރަށްތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރަށް ދިރުން ލިބިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މިދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން (.) ތަކަން- މާރަންދޫގެ ހިކަނދި ރާނބާ، އެންމެންވެސް އަބަދުވެސް ބޭނުންވޭ (.) ހަމަ އެގޮތަށް ، ކެލާ ބާރަށުގެ ފަލަމަޑިއަށް ، ރަށްތަކުން އިންތިޒާރުކުރޭ (.) އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ޚިލާފު "މާދަރީ އުފެއްދުން ހުރޭ" (.) RTL މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ (.)" ރައީސް ވިދާޅުވި އެވެ.