ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިއާޔަތްކުރެވި، އެ ކަންކަމަށް އަމަލީ ސިފަ ގެނެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވަނީ އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސުން ފެށިގެން މި ކޮންފަރެންސްއާ ހަމައަށް އައިއިރު ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކަކާއި ކުރި އެރުންތަކެއް ޙާޞިލުކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ކުރަންހުރި ކަންކަމާމެދު މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ އިރު، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވާ، އިޖުތިމާއީ ތިން މައްސަލަކަމުގައިވާ ހަރުކަށި ފިކުރާ، ގޭންގް ކުށްތަކާ، މަސްތުވާތަކެތީގެ މައްސަލަ ތަކާމެދު ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ގަވަމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ 7 ފޮތެއް ނެރެދެއްވާފަ އެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބޭއްވޭއިރު، މިކޮންފަރެންސްގައި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް، މަޝްވަރާކުރެއްވުމަށް ފުރުސަތު ލިބޭނެ އެވެ.