އަންހެނުން ބާރުވެރިކުރެވޭނީ އިގްތިސާދީ ގޮތުން ބާރުވެރިކުރެވިގެން ކަމަށާއި އެ ކަމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ލ.ގަމުގައި މިއަދު ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކުރިއަށް ގެންދިޔަ "މިންތީގެ ހަމަހަމަކަން" ސެޝަންގައި ވާހަކަ ދައްކަވަމުން އިކޮނިމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިގްތިސާދީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް، ރަށްރަށުގައި އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ހޯދުމުން އަންނަ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ގުޅިގެން މައުލޫމާތުތައް ހޯދުމަށްފަހު، އަންނަ މަހުގެ ތެރޭގައި ރަށްރަށުގައި ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އެބަ ފަށަން ޕްރޮގްރާމްތަކެއް، ކޮންމެ ރަށެއްގައި، ޑަބްލިއުޑީސީއާއި ކައުންސިލްތަކާ ގުޅިގެން، އަންހެނުންނަށް ހުރި ފުރުސަތުތައް ބަލައި އެކަމުގައި ފެށުނީއްސުރެ ކާމިޔާބުވަންދެން ސަރުކާރުގެ ރޯލަކީ ކޮބައިތޯ ބަލައިގެން އެކަން ކުރުމަށް، އެގޮތަށް އެ މަސައްކަތް ނުކޮށް، އަވަސް ގޮތަކަށް، އިގްތިސާދީ ބާރުވެރިކަން އަންހެނުންނަށް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުމަށް ގާނޫނުގައި ލިޔެފައިވީ ނަމަވެސް އެކަން ކުރެވޭނީ އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިވެގެން ކަމަށެވެ.

"ބީސީސީން ހިންގާ ޕްރޮގްރާމްތަކުގެތެރެއިން، އަންހެން ބޭފުޅުންނަށް ވަރަށްގިނަ ޕްރޮގްރާމްތަކެއް ހިނގިއްޖެ، އެސްޑީއެފްސީ 280 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އަންހެން ބޭފުޅުންނަށް ނުވަތަ އަންހެން ބޭފުޅުން ހިއްސާވާ ވިޔަފާރިތަކަށް، އޮތެންޓިކް މޯލްޑިވްސް ފިހާރަތަކުންވެސް އަންހެނުންގެ އުފެއްދުންތައް ބާޒާރަށް ގެންދެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.