ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަންގެ 80 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ފިލްމް ހެރިޓޭޖް ފައުންޑޭޝަނުން ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.

އިންޑިއާގެ ފިލްމު ހެރިޓޭޖް ފައުންޑޭޝަނާއި މަޝްހޫރު ސިނެމާ ޗެއިން، ޕީވީއާރް ގުޅިގެން "ބައްޗަން: ބެކް ޓު ދަ ބިގިނިން" ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ ފިލްމު ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ 17 ސިޓީއެއްގަ އެވެ.

މި މަހުގެ 8 އިން 11 އަށް ކުރިއަށްދާ މި ފެސްޓިވަލުގައި އަމީތާބުގެ ކެރިއަރުގެ އައިކޮނިކް 11 ފިލްމެއް ދައްކާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ "ޑޮން"، "ކާލާ ޕައްތަރު"، "ކާލިއާ"، "ކަބީ ކަބީ"، "އަމަރު އަކްބަރު އެންތަނީ"، "ނަމަކް ހަލާލު"، "އަބިމާން"، "ދީވާރު"، "މިލީ"، "ސައްތޭ ޕޭ ސައްތާ" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެ އެވެ.

އަމީތާބުގެ 80 ވަނަ އުފަން ދުވަސް ފާހަގަކުރަން ފިލްމު ފެސްޓިވަލެއް ބާއްވާ އިރު އަންނަ މަހުގެ 7 ގައި އޭނަގެ އާ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ "ގުޑްބާއި" އެވެ.

މި އަހަރު ރިލީޒްވި އޭނަގެ ފިލްމުތަކުގެ ތެރޭގައި "ޖުންދު"، "ރަންވޭ 34" އަދި "ބުރައްމަސްތުރާ" ހިމެނެ އެވެ. އަދި ނޮވެމްބަރު މަހުގެ 11 ގައި އަމީތާބުގެ "އޫޗާއީ" ވެސް ސިނަމާތަކަށް އަންނާނެ އެވެ.

އިންޑިއާގެ ސިނަމާގެ މި ވަރުގަދަ ޝަހުސިއްޔަތުގެ އެކްޓިން ދަތުރުގެ ފެށުމަކީ އެންމެ މޮޅު އާ އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު 1969 ގެ "ސާތު ހިންދުސްތާނީ" އެވެ.

އަމީތާބުގެ އުފަންދުވަހަކީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ.