ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި، ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިހްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު މި ހަފްލާގައި ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ގައުމީ ތަރައްގީއާ ގުޅިފައިވާ ސިނާއަތްތައް ތަރައްގީކުރުމުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ގޮތް ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމުގަ އެވެ.

މި ހަފްލާގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހިތްވަރާ، އަޒުމާއި، ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ހިޔާލަށް ނުގެންނަ އަދި އެއްގޮތަކަށް ނުވެސް ނެތް ކަމެއް ވެސް، ތަރައްގީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެ ކަމުގަ އެވެ. އަދި މި ޙަފްލާގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޒުވާން ޖީލު، ގައުމަށްޓަކައި އާ ކޮންމެވެސް ޞިނާޢަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މުޅި ދިވެހި ގައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްގީކުރެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ޖުމްލަކޮށް ފަތުރުވެރިކަން ތަރައްޤީކުރަން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައިވާ އައްސޭރިއަށް، މި ޤައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެދުވަހު ކެރިވަޑައިގެން އެބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެއްވުމުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވިދާޅުވީ "ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭ ވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން" ކަމުގަ އެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވެވި އެވެ. އަދި ޓްރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ ފަންނާނުންނާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނާއި މި ޞިނާޢާއަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތައް ވެސް ޝާމިލުކޮށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވާހެން 77 ބޭފުޅަކަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ޙަވާލުކޮށްދެއްވާފަ އެވެ. އަދި މި ހަފުލާގައި ރައީސަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފަ އެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ އަކީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެ ފަހު ހަފުލާ އެވެ. އަދި މި ހަފުލާގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ.