ޒަމާނީ ޓެކްނޯލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތޯބުގައި ރައީސް ވަނީ، ޒަމާނާއެކު ތަޢުލީމީ ދާއިރާއަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވަމުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވޭ ވަރުގެ ތައުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

އިންސާނީ މުޖްތަމައަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ، އެ މުޖްތަމަޢެއްގެ ތައުލީމީ ދާއިރާއާކަން ފާހަގަކުރައްވައި ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވީ މުޖްތަމައު އިސްލާހުކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކު ވެސް، އެ މަސައްކަތް ފަށަނީ ތައުލީމީ ދާއިރާއިން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މުޖްތަމަޢަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ މުހިންމު ދައުރު އަދާކުރަނީ ވެސް ތަޢުލީމީ ދާއިރާއިން ކަމަށެވެ.

މުދައްރިސުންގެ ދުވަހާއި ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުއްވާފަ އެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ މައްޗަށް އެމަނިކުފާނުގެ ހިތޯބުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ، ޝިއާރަކީ، "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މި ޝިއާރެވެ.