ދުނިޔެއަށް ނެގި ކޮވިޑް-19ގެ ބިޔަ ރާޅާއެކު އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މިހާރު އަހަރެމެން އުޅެން ޖެހިފައި މިވަނީ ދުވަހަކުވެސް އަންދާޒާ ކުރި ގޮތަކަށް ނޫނެވެ. ދުވަހަކު ކުރާނެއޭ ހިތަށް ނާރާ ކަންތައް ދިރިއުޅުމުގެ ބަޔަކަށްވެ، އާދައަކަށް ވެސް ވެއްޖެ އެވެ.

މީގެ ކުރިން މާސްކު އަޅާފައި ތިބޭ މީހުން ފެންނަނީ ހޮސްޕިޓަލަކުން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ނަމަވެސް މިހާރު މަގުމަތިން މާސްކު ނާޅާ ހުރި މީހެއް ފެނިއްޖެ ނަމަ އޭނާގެ އަންނައުނުގެ އެއްބައި މަދޭ ހީވާ ހިސާބަށް ކަންތައް މިވަނީ ގޮސްފަ އެވެ.

ކޮވިޑް-19 ބަލި ފެތުރެން ފެށުމާއެކު ވެކްސިނެއް ބޭހެއް ނެތް މި ބައްޔާ ކުރިމަތިލުމަށް ސިއްހީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދިނީ މާސްކު އެޅުމަށެވެ. އެއީ އެ ވައިރަހުން ތިމާގެ އަމިއްލަ ނަފުސު ސަލާމަތްކުރުމާއެކު، ތިމާއަށް ބަލިޖެހިފައި ހުރި ނަމަ އެހެން މީހުންނަށް އެ ވައިރަސް ފޯރުން ސަލާމަތްކުރުމަށްޓަކައި އެވެ.

މާލޭގެ މަގުމަތީގައި މީހަކު ހިނގާފައި ދަނީ. ފޮޓޯ| ހުރިހާ

އެޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނި، އެ ބަލި ފެތުރެން ފެށުމުން މާސްކު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދިނެވެ. އޭރުވެސް މާސްކު އެޅި މީހުން އެޅި އެވެ. ނާޅާ މީހުން ނާޅަ އެވެ. މިހެން އޮތްވާ އެންމެ ފަހުން ޖުލައި މަހުގެ 30 ވަނަ ދުވަހު ސަރުކާރުން ވަނީ ބޭރުތެރޭގައި އުޅޭ އިރު އެންމެން ވެސް މާސްކު އެޅުން މަޖުބޫރު ކަމަށް ހަދައިފަ އެވެ. މިއާއެކު މާސްކު ނާޅާ މީހުން 1،000 ރުފިޔާއިން ޖުރިމަނާ ކުރާއިރު މިއިން އިސްތިސްނާ ވާނީ ހަމައެކަނި ދެ އަހަރު ނުފުރޭ ކުޑަކުދިންނާއި، ކަސްރަތު ކުރާ މީހުން ކަސްރަތަށް ނުކުމެ އުޅޭ ވަގުތާއި ރެސްޓޯރެންޓް އަދި ހޮޓާތަކުން ހިދުމަތް ހޯދާ މީހުންކަމަށް ކަނޑައެޅި އެވެ.

ކެފޭއެގައި ބަޔަކު ސައިބޮނީ -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

ކަންމިހެން އޮތަސް، މި އެންގުމަށް ފުރިހަމައަށް ތަބާވާ މީހުން މަދެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދުދީފައި އޮންނަނީ އަނގަޔާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ވަރަށް މާސްކު އެޅުމަށެވެ. ނަމަވެސް ގިނަ މީހުންގެ ނޭފަތް ހުންނަނީ މާސްކުން ބޭރުގަ އެވެ. މާސްކު އޮންނަނީ ދަމާ ގެނެސް ދަތްދޮޅީގައި އަޅުވާފަ އެވެ. ގިނަ މީހުން މާސްކު އަޅަނީ "އަމާ ބުނީތީ ފަރަށް ދާ އުސޫލުން"ނޭ ބުނެވެނީ މިހެންވެގެންނެވެ. މި އުޅެނީ މާސްކު އަޅައިގެން، އެކަމަކު ނޭޅުމެކޭ އެވެ.

ސަރުކާރުން މި ބުނަނީ 24 ގަޑި އިރު މާސްކު އަޅައިގެން އުޅޭށޭއެއް ނޫނެވެ. ބޭރަށް ނުކުންނަ ވަގުތު އެކަނި މާސްކު އެޅުމަށެވެ. ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކަ އެވެ. އެހެންކަމުން ތި ދާތަނަކަށް ދެވެން ދެން ވެސް މާސްކު އަޅައިގެން ހުރެވޭތޯ ބަލާބަލާށެވެ. އެކަން ނުކުރެވޭ ނަމަ އެންމެ ރަނގަޅުވާނީ ގޭގައި ހުރުމެވެ. ކޮވިޑަކީ ކުޅޭ ކުޅިވަރެއް ނޫންކަން މުޅި ދުނިޔެއިން އެ ބަލި ޖެހި، މަރުވާ މީހުންގެ އަދަދުތަކަށް ބަލާލުމުން އެނގޭނެ އެވެ.

މާސްކު އަޅައިގެން އުޅުމަކީ އެކަކަށް ވެސް މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މި އުނދަގޫ ހާލަތުން އަރައިގަނެވެންދެން އަހަރެމެން މާސްކާއި އެކީ އުޅެން އެބަޖެހެ އެވެ. ވެކްސިނެއް ހޯދުނަސް އަދި އެ ވެކްސިން ރާއްޖެއާ ހަމައަށް އަންނާނީ ކިހާ ދުވަހަކުން ކަމެއް ޔަގީންކަމާއެކު ބުނާކަށް ނޭނގެ އެވެ. އަދި ވެކްސިން ލިބުނަސް އެ ވެކްސިން ތިމާގެ ގަޔަށް ޖެހޭނެ ވަރު ވާނީ ކޮން ދުވަހަކުން ކަމެއް ނޭނގޭނެ އެވެ.

ރައްކާތެރި ގޮތަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު މާސްކު އެޅުމުގެ އިތުރުން އެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން އުޅުމެވެ.