އިންޑިއާގެ ޒުވާން ޖީލުގެ ސިކުނޑި ތައައްޔަރު ކުރުމުގެ މަސައްކަތް އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އެކްތާ ކަޕޫރޫ ހިމެނޭ ކަމަށް ބުނެ އެގައުމުގެ ސުޕްރީމް ކޯޓުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިންޑިއާގެ ސްޕުރީމް ކޯޓުން އެކްތާ ކަޕޫރަށް ފާޑުކިޔާފައިމިވަނީ އޭނާގެ ބަލާޖީގެ ސްޓްރީމިން ޕްލެޓްފޯމް، އޯލްޓް ބާލާޖީ ގެނެސްދިން ވެބް ސީރީޒެއް ކަމަށްވާ "ޓްރިޕްލް އެކްސް" ގައި އިންޑިއާގެ ސިފައިންގެ ގަދަރާއި ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ނިވާކަން ކުޑަ ގައިގޯޅި މަންޒަރުތަކެއް ގެނެސްދިން ކަމަށް ބުނެ އޭނަ އާއި މަންމަ ޝޯބާ ކަޕޫރާ ދެކޮޅަށް ބިހާރުގެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރު ނެރުމާ ގުޅިގެން، އެ އަމުރާ ދެކޮޅަށް ސްޕްރޯމީޓް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމުގަ އެވެ.
މިމައްސަލައާ ގުޅިގެން ސްޕުރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބަލާ ފަންޑިޔާރު ބެންޗްގައި ހިމެނޭ ފަނޑިޔާރު އަޖޭ ރަސްތޯގީ އާއި ސިޓީ ރަވީ ކުމާރު ވިދާޅުވީ އޯޓީޓީ ޕްލެޓްފޯމްއިން ގެނެސްދޭ ކޮންމެ އެއްޗަކީ ހުރިހާ އެންމެންނަށްވެސް ބެލޭ ގޮތަށް އޮންނަ އެއްޗެއް ކަމަށެވެ. އަދި މިމައްސަލަ މިހާރު ބަލަންޖެހިފައިވާ ކަމަށާއި ރައްޔިތުންނާއި ހިސާބަށް އެއްޗެއް ދޫކޮށްލާއިރު އެކަމުގައި ކުރާނެ ނޭދެވޭ އަސަރަކާއި މެދުގައި ވިސްނަށްޖެހޭ ކަމަށްވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
"މި ގައުމުގެ ޒުވާން ޖީލުގެ ސިކުނޑި ތަޣައްޔަރު ކުރަނީ. އެއީ އެންމެންނަށް ލިބޭނެ ކަމެއް. އޯޓީޓީ ކޮންޓެންޓް ހުރިހާ އެންމެންނަށް ލިބޭނެ. ކޮންކަހަލަ ޗޮއިސްއެއް ރައްޔިތުންނަށް ފޯރުކޮށްދެނީ؟." ...އެއާ ޚިލާފަށް ތިޔަ އުޅެނީ ޒުވާނުންގެ ސިކުނޑި ތަޣައްޔަރު ކުރަމުން،" ފަނޑިޔާރުން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެކްތާގެ ގާނޫނީ ޓީމްގައި އިސްކޮށް ހުންނެވި މުކުލް ރޮހާގްތީ ވިދާޅުވީ އޯލްޓް ބާލާޖީން ގެނެސްދޭ ކޮންޓެންޓްތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށާއި ކޮންޓެންޓްތައް ގެނެސްދެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގުގެ ތެރެއިން ކަމަށެވެ. އަދި ސްޓްރީމިން ޕްލެޓްފޯމްތަކުން ގެނެސްދޭ އުފެއްދުންތަކަކީ ސަބްސްކްރައިބްކޮށްގެން ހޯދޭ ހިދުމަތަކަށްވާތީ އެފަދަ އެއްޗެހިން ގެނެސްދޭ އެއްޗެހި ބެލުމާއި ނުބެލުމުނަކީ އެ ބައެއްގެ އަމިއްލަ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓްގެ ބެންޗުން ވިދާޅުވި ގޮތުގައި އެކްތާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ވަރަށް ސާފު ކަމަށާއި އެކަމާ މެދު ސާފު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.
އެކްތާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދަރިއެކެވެ. އެ އާއިލާގެ ބާލާޖީ އަކީ ޓީވީ ސިލްސިލާތަކާއި ފީޗާ ފިލްމުތަކުގެ އިތުރުން ވެބް ކޮންޓެންޓް ވަރަށް ފުޅާކޮށް ގެނެސްދޭ ކުންފުންޏެކެވެ.