މިއަދަށް އެކަނި ވިސްނާލުމުން ވެސް ޤައުމެއްގެ ޒުވާނުން އެ ގައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި، މިއަދު ކުދިން ތައްޔާރުވާންވީ ގައުމުދެކެ ލޯބިވާ، ގައުމަށް ހިދުމަތްތަކެއް ކޮށްދެވޭނެ ގައުމީ ތަރައްގީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށްވުމަށް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި "ދަ ލީޑާ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 -12 އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއިން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަޚްލާޤާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ނައިބު ރައީސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސްކޫލް ޢުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާޤު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު ޢުމުރުފުރަ އެވެ. އަދި، ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމަޢުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތެވެ. މިގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑާޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ހާމަކުރައްވައި މިއަދު ކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައި ކުރަންވީ މަސައްކަތްތައް ކުރުމަށްކަމުގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޢާންމު އަޚްލާޤު ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަންފަށައިފިއްޔާ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމައަށް ކުރާނެކަމުގައި ވިދާޅުވި އެވެ. މިގޮތުން ރަށްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިންސާނިއްޔަތުކަމާއި އިހުސާންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށް ދިޔަކަމުގައި ވިޔަސް މިފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ.