ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިހްތިޖާޖަށް ނިކުމެއްޖެ އެވެ.
މި އިހުތިޖާހުގައި ބައިވެރި ވަނީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނެވެ. އެގޮތުން 22 ދޯންޏެއްގެ މަސްވެރިން މިކަމުގައި ބައިވެރިވެ އެވެ.
މަސްވެރިން ބުނެފައި ވަނީ އިހުތިޖާޖަށް ނުކުންނަން ޖެހުނީ މާންދޫ ޕިޝަރީޒް ކޮންފްލެކްސްއަށް މަސްކިރުމަށް ފަހު ފައިސާ ނުލިބޭތާ މަސް ދުވަސްވެ، ފައިސާ ލިބޭނެ ދުވަހެއް ވެސް ނޭނގޭތީ އެކަމުގެ ކަންބޮޑުވުމާ ހެދި އެވެ. އަދި މާންދޫން މަސްވެރިންނަށް ވިއްކާ އައިސް އާއި ތެޔޮ ލިމިޓްކޮށްފައި ވާތީ ކަމަށްވެސް މަސްވެރިން ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާ ހުއްޓާލާނީ ފައިސާ ދެވޭނެ ދުވަހަކާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބުމުން ކަމަށެވެ.
މިކަމާ ގުޅޭ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ފަހަކަށް އައިސް ރާއްޖޭގެ މަސްވެރިންނަށް ދިމާވާ މައްސަލަތައް ވަރަށް ގިނަ އެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ މަސްވެރިންނަށް ދިމާވާ ކަންކަން ހައްލުކޮށް ދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް މުހިންމު އެއް ވައުދެވެ.