މިދިޔަ ބުދަ ދުވަހު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި އެންމެން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ނިޔާވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ފުލުހުން މިއަދު ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައި ނުވާ މީހާ މިހާރު ދެނެގަނެވިފައި ވާ ކަމަށެވެ. އެމީހާއަކީ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން އެންމެ ފަހުން ދެނެގަނެވުނު ހަށިގަނޑާއެކު، އިންޑިއާއަށް ނިސްބަތްވާ 8 މީހަކު މި ހާދިސާގައި ވަނީ މަރުވެފަ އެވެ. އެއީ 3 އަންހެނުންނާއި 5 ފިރިހެނުންނެވެ. ދެން މަރުފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.

މީގެ އިތުރުން މި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކަށް އައިޖީއެމްއެޗްގައި މިވަގުތުވެސް އަންނަނީ ފަރުވާ ދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭ ވަރަށް ސިފަ ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ހާމަކޮށްފަ އެވެ.

ނިޔާވި ބައެއް މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިއުމަށް އާއިލާތަކުން އެދެމުންދާތީ ކަމާގުޅުންހުރި އިދާރާތަކާއެކު ފުލުހުން އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އެ ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން ފުލުހުން އެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަލިފާން ރޯވި މ. ނިރުފެހިގޭގެ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ އިމާރާތް ތަޅާލާ، އެ ތަން ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.