އިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަޕާނުގެ އެމްޕެރާ އެމްޕެރާ ނަރުހީޓޯއަށާއި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

ޖަޕާނުގެ އެމްޕެރާ ނަރުހީޓޯއަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަޕާނަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގައި، އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި، ޖަޕާނުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަންކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށް އެކަށޭނަ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއަށް ވަކިން ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން ކުރިއަރާފައި ވަނީ ޑިމޮކްރަސީއަށާއި، ސުލްހައާއި، އިންސާނީ ހައްގުއް ރައްކާތެރިކޮށްދިނުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމާއި، ހުރިހާ ދާއިރާއަކުން ވެސް ތަރައްޤީގެ މަންފާތައް މުޖުތަމަޢުގެ ހުރިހާ ބަޔަކަށްވެސް ފޯރުކޮށްދިނުމަށް ދޭ އިސްކަމަށް ބިނާކޮށެވެ.

މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ވެސް މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ޖަޕާނާއި ދިވެހި ސަރުކާރު ގުޅިގެން ދެގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.