އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރުމަށް ނިންމައިފި އެވެ.

މި ދެ ގޮނޑިއަށް ރާއްޖެއިން ވާދަކުރަން ނިންމާފައިވާކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވަނީ 2033 އިން 2034 ވަނަ އަހަރަށް ހިންގާ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކަމަށެވެ. މީގެ އިތުރުން 2027 ވަނަ އަހަރުން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަކަށް ވެސް ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި އިންތިހާބުތައް ރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށް ވެސް ރާއްޖެއިން އިންތިހާބުވާ ފުރަތަމަ ފަހަރަށެވެ.އދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އަދި އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އ.ދގެ އާއްމު މަޖިލިހުގެ ރިސާޔަތުވެސް ރާއްޖެއިން ވަނީ ބަލަހައްޓާފަ އެވެ. އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ.

ފޮރިން މިނިސްޓަރު ޝާހިދު އދ.ގެ އާއްމު މަޖިލިހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވަނީ 2021 ޖޫންމަހުން ފެށިގެން 2022 ޖޫންމަހާއި ހަމައަށެވެ.

މިގޮތުން، 2018 އިން ފެށިގެން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިހާބުވުން ހިމެނެ އެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ ނަމޫނާއެކެވެ.