މުދަލާއި ހިދުމަތުގެ ނަގާ ޓެކްސް ބޮޑުކުރުމުގެ ގާނޫނު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމާއެކު، އަންނަ ޖެނުއަރީ މަހުން ފެށިގެން ޓެކްސްގެ އައު ރޭޓުތަކަށް އަމަލުކުރަން ފަށާއިރު އެކަމަށް ދުރާލާ ތައްޔާރުވުމަށްމޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެދެފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާއި ގުޅިގެން މީރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ރޭޓް 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް 8 ޕަސެންޓަށް ބަދަލުވާނެ ކަމަށެވެ.
މީރާއިން ބުނެފައި ވަނީ އެހެންކަމުން 1 ޖެނުއަރީ 2023 ނުވަތަ އެ ތާރީހުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ މުއާމަލާތްތަކުން ޖީއެސްޓީ ނަގަން ޖެހޭނީ އާ ރޭޓުތަކަކުން ކަމަށެވެ.
މި ބަދަލާ ގުޅިގެން ސަމާލުވަންޖެހޭ ކަންތައްތައް ފާހަގަކޮށް މީރާއިން ބުނީ ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ 24 ގަނޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއްކަމަށްވާ ނަމަ 1 ޖެނުއަރީ 2023 ގެ 12:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 12 ޕަސެންޓް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާ ނަމަ ހަ ޕަސެންޓްގެ ރޭޓުން ކަމަށެވެ. އަދި 1 ޖަނަވަރީ 2023 ގެ 12:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 16 ޕަސެންޓް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ 8 ޕަސެންޓްގެ ރޭޓުން ކަމަށެވެ.
މީގެ އިތުރުން މީރާގެ ބަޔާނުގައި ވަނީ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖެނުއަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން ކަމަށެވެ. އަދި މިކަމާ ގުޅިގެން، 1 ޖަނަވަރީ 2023 އިން ފެށިގެން އާ ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އައު ރޫޓުތައް ހިމަނަގައިގެން އަގު ޖެހުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރުމަށް މީރާއިން އިލްތިމާސްކުރެ އެވެ.