މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ހުރިހާ ދިވެހިންނަށް ހިލޭ ބެލުމުގެ ފުރުސަތު މިފަހަރު މިވަނީ ގެއްލިފަ އެވެ.

އެއީ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ބްރޯޑްކާސްޓަރުންނާއި، ރީ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި މުއައްސަސާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި ކުއްލި ބަދަލާ ގުޅިގެންނެވެ. މިއާއެކު ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ލިބިގެން ގޮސްފައި ވަނީ ހަމައެކަނި މީޑިއާ ނެޓަށެވެ.

ކުރިން ގަވައިދު އޮތް ގޮތުންނަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ހިލޭ ދިވެހި ރައްޔިތުންނަށް ވޯލްޑް ކަޕް ދެކުމުގެ ފުރުސަތު ލިބެ އެވެ.

މީޑިއާ ނެޓަށް ހުރިހާ ފުރުސަތެއް ލިބޭ ގޮތަށް ރީ ބްރޯޑްކާސްޓިން ގަވައިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކު ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް އެކަންޏެވެ. ރާއްޖޭގައި މި ގަވާއިދާ އެއްގޮތަށް ރީބްރޯޑްކާސްޓް ކުރަނީ މީޑިއާނެޓުންނެވެ. ދެން އެ ހިދުމަތްދޭ ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބަހުރައިންގެ ބަޓެލްކޯގެ އެވެ. އެހެންކަމުން ވޯލްޑްކަޕް ދެއްކުން މިވަނީ "މޮނޮޕޮލައިޒް" ކުރެވިފަ އެވެ.

ވޯލްޑް ކަޕް ދެކުމުގެ ރައިޓްސް ހޯދުމަށް ޕީއެސްއެމްއިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގައި އެދެމުން އެ ހުއްދަ ދެވެން ނެތް ވާހަކަ އެކޮމިޝަނުން ވަނީ ޕީއެސްއެމްއަށް އަންގާފަ އެވެ. އެހެންކަމުން ޕީއެސްއެމްގެ ޗެނަލްއެއް މެދުވެރިކޮށް ވޯލްޑް ކަޕް ދެއްކިކަމުގައި ވިޔަސް، ކޮންމެ ދިވެހި ރައްޔިތަކަށް މީޑިއާ ނެޓް ހިދުމަތް ހޯދަން މަޖްބޫރުވެ އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ޕީއެސްއެމްއަށް މިޑީއާ ނެޓުން ވޯލްކަޕްގެ ރައިޓްސް ގަތުމަށްޓަކައި ދިވެހި ރައްޔިތުންގެ މާލިއްޔާއިން 800،000 ޑޮލަރު ދީފަ އެވެ.

ދައުލަތުގެ ބަޖެޓް މިހާ ބޮޑު ހަރަދެއް ކުރިނަމަވެސް ކޮންމެ ދިވެހި ރައްޔިތަކު ވޯލްޑް ކަޕް ބެލުމަށް މީޑިއާ ނެޓްގެ ޕެކޭޖެއް ނަގަން ޖެހެ އެވެ. މީޑިއާ ނެޓްގެ އެންމެ ކުޑަ ޕެކޭޖު ވެސް ލިބެނީ މަދުވެގެން 159 ރުފިޔާ އަށެވެ. މިއާއެކު މިފަހަރު ވޯލްޑްކަޕާ އެކު މީޑިއާ ނެޓަށް ބޮޑު ފައިދާއެއް ލިބިގެންދާނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް ހުންނަ އިމާރާތް.

ޕީއެސްއެމްއިން މީޑިއާ ނެޓުން ރައިޓްސް ގަތީ ޕީއެސްއެމްއިން އަގުހެޔޮކޮށް އެކްސްކުލޫސިވް ރައިޓްސް ލިބެން އޮއްވަ އެވެ. މީގެ އިތުރުން ލިސްޓެޑް އިވެންޓްސް ނުވަތަ އާންމުންނަށް ހިލޭ ދައްކަން ޖެހޭ އިވެންޓްތަކުގެ ލިސްޓް ބްރޮޑްކާސްޓިން ކޮމިޝަނުން އިސްލާހުކޮށް އެ ލިސްޓުން ވޯލްޑް ކަޕް އުނިކުރުމާ ގުޅިގެން ޕީއެސްއެމްއަށް ވެސް ވަނީ އެ މުބާރާތުގެ ރައިޓްސް ރާއްޖެއިން ނަގާފައިވާ މީޑިއާނެޓުގެ އަތުން ގަންނަން މަޖުބޫރުވެފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް ފައިދާވާ ގޮތަށް ދިރާގަށް ރީބްރޯޑްކާސްޓިން ރައިޓްސް ނުލިބޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާ މައްސަލަ މިހާރު ވުސް ދަނީ ރައްޔިތުންގެ މަޖިލީހުން ބަލަމުންނެވެ.

މީގެ އިތުރުން އެ ގަވައިދަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ނެރުނު އަމުރާއެކު މި ހަފްތާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދިރާގުން ހުށައަޅާފައިވާ ދިރާގަށް ރީބްރޯޑްކާސްޓިން ރައިޓްސް ލިބޭ ގޮތަށް ގަވައިދު އަބުރާ ބަދަލުކުރުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށައަޅާފަ އެވެ.